ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު އިޝާން ޑާރް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނިގޮތުގައި އެ ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ދެއްވި ހާއްސަ ދައުވަތަކަށް ރައީސް މިހާރު އެ ގައުމަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސަރުކާރުގެ ބައެއް މިނިސްޓަރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ އެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށާއި ރަސްމީ ވާހަކަފުޅުތަކަށް ފަހު، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ފަހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގައި 300 ބައިވެރިންނާއެކު ބިޒްނަސް ފޯރަމެއްވެސް ބާއްވާނެއެވެ.
ޕާކިސްތާނުގެ "ސަމާ ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި 12 ވަރަކަށް އެއްބަސްވުމުގައި ޕާކިސްތާނާއި ރާއްޖެއިން ސޮއިކުރާނެއެވެ.
ޕާކިސްތާނު ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާ އެކު ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާ ހިމެނޭ ކަމަށެވެ.
އަލީ ޔާމިން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ކޮމެންޓް