ދުނިޔޭގެ އިގްތިސާދީ މާހިރުންގެ ދުލުން ބްރިކްސްގެ ނަން ބޭރުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ބްރިކްސްއަކީ ކޮބައިބާވައެވެ. އެއީ ދުނިޔޭގެ އިގްތިސާދީ އަދި ސަރަހައްދީ ބޮޑު ފަސްބާރަކަށް ނިސްބަތްވާ ނަމެކެވެ. ކޮންމެ ގައުމެއްގެ ނަންފެށޭ އަކުރު ބޭނުންކުރީމާ ބްރިކްސްއަކަށްވަނީއެވެ. އެއީ ބްރެޒިލް، ރަޝިޔާ، އިންޑިޔާ، ޗައިނާ އަދި ސައުތު އެފްރިކާއެވެ. އެންމެ ފުރަތަމަ 2006 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމަޔަށް ބްރިކެވެ. ދެކުނު އެފްރިކާ ބައިވެރިވުމުން 2010 ވަނަ އަހަރުން ފެށިގެން ބްރިކްސްއެވެ. ފަހަތަށް އެސްއަކުރު އިތުރުވީއެވެ. ބްރިކްސްގެ ގައުމުތަކުގެ ވެރިންގެ ސަމިޓެެއް އެންމެ ފުރަތަމަ ބޭއްވުނީ މީގެ ތޭރަ އަހަރު ކުރިން 2009 ވަނަ އަހަރު ރަޝިޔާގައެވެ. އޭގެފަހުން ކޮންމެ އަހަރަކުވެސް ކޮންމެވެސް އެއްގައުމެއްގައި ބްރިކްސްގެ ސަމިޓް އަންނަނީ ބާއްވަމުންނެވެ.
ބްރިކްސްއަކީ އާދައިގެ ޖަމާއަތެއް ނޫނެވެ. ބްރިކްސްގެ ގައުމުތަކުގެ އާބާދީ ޖުމްލަކޮށްލީމާ އެއީ މުޅި ދުނިޔޭގެ އާބާދީގެ 42 އިންސައްތައެވެ. މުޅިދުނިޔޭގެ ބިމުގެ އޭރިއާގެ 27 އިންސައްތައެވެ. މުޅިދުނިޔޭގެ އުފެއްދުންތެރިކަމުގެ 27 އިންސައްތަ ހިއްސާކުރަނީވެސް ބްރިކްސްގެ ފަސް ގައުމުންނެވެ. އެހެންވީމާ މިއީ ދުނިޔޭގެ އިގްތިސާދުގެ ކުރިމަގެވެ. ޖީހަތެއްގެ ނަމުގައި އެމެރިކާއާއި ޖަޕާނާއި ހުޅަނގުގެ އެހެން އިތުރު ފަސް ގައުމެއް ގުޅިގެން އުފައްދާފައިވާ ޖަމާއަތުން މުޅިދުނިޔޭގެ އިގްތިސާދުގައި ވަކިހިއްޕައިގެން އޮންނަ އޮތުން ނިމުމަކަށް ގެނެސް ދުނިޔޭގެ އިގްތިސާދީ އަދި މާލީ ނިޒާމު މިނިވަންކުރާނޭ ކަމަށް ބެލެވޭ ޖަމާއަތަކީ ބްރިކްސްއެވެ. އެހެންވީމާ އެއީ ޖީހަތެއްގެ އެންމެ ބޮޑު ވާދަވެރިޔާއެވެ. ޖީހަތެއްގެ ގައުމުތަކުން އެންމެ ބިރުގަންނަ އެންމެ ޖެހިލުންވާ ޖަމާއަތެވެ.
ބްރިކްސް އެންމެ ފުރަތަމަ އުފެދުނީ ހުޅަނގުގެ ގައުމުތަކާއި އެގައުމުތަކުން ކޮންޓްރޯލްކުރާ ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ބަރޯސާކުރުން ކުޑަކޮށް އެއްބަޔަކު އަނެއްބަޔަކަށް އެހީވުމާއި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމަށް އަމާޒުކުރެވިގެންނެވެ. އެހެންނަމަވެސް މިހާރު ބްރިކްސްގެ ގައުމުތަކުން އަމާޒު ހިފާފައިއެވަނީ އެމެރިކާ ޑޮލަރުގެ ރަސްކަން ނިމުމަކަށް ގެނެސް ޑޮލަރާނުލައި އުޅެވޭނޭ ގޮތެއް ތަނަވަސްކުރުމަށެވެ. ޑޮލަރުގެ އަޅުވެތިކަމުން ދުނިޔޭގެ އިގްތިސާދު މިންޖުކުރެވޭނޭ ނިޒާމެއް ގާއިމުކުރުމަށެވެ. މިކަން ކުރެވުނީމާ ބްރިކްސްގެ ގައުމުތަކަށް ޑޮލަރު ބޭނުމެއް ނުވާނެއެވެ. އެއްބަޔަކު އަނެއްބަޔަކާ މުއާމަލާތު ކުރުމުގައި ބޭނުންކުރާނީ ބްރިކްސްގެ ތެރެއިން އެއްބަސްވެވޭ ފައިސާއެކެވެ. ބްރިކްސްގެ މުއާމަލާތަކީ ދުނިޔޭގެ ވިޔަފާރީގެ އެންމެ ބޮޑު ހިއްސާކަމަށްވާތީ އެހިސާބުން ޑޮލަރުގެ ތާޖު އޮންނާނީ ބިންމަތީގައެވެ.
ދުނިޔޭގެ އިގްތިސާދުގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ މިހާރުވެސް ބްރިކްސްގެ ގައުމުތަކުންނެވެ. ޖީހަތަކަށްވުރެ ބްރިކްސްގެ ހިއްސާ ބޮޑެވެ. އެހެންވީމާ ތެޅިތެޅި ހުޅުނބުދިޔައަސް ދެން ބްރިކްސް ހުއްޓުވޭނެ ގޮތެއް ހުޅަނގަކަށް ނެތެވެ. ހަސަދަވެރިކަމާއެކު ބަލަން ތިބުން ނޫންގޮތެއް ނެތެވެ. ދުނިޔޭގައި ކުރިއަރަމުން ފުޅާވަމުން އަންނަ އިގްތިސާދީ ބޮޑެތި އެހެން ބާރުތަކުންވެސް އުންމީދާއެކު އެތިބީ ބްރިކްސްގެ އިންތިޒާރުގައެވެ. އިންޑޮނީޝިޔާ އާއި ނައިޖީރިޔާއެވެ. އީރާނާއި ސައޫދީ އަރަބިޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި އާޖެންޓީނާއެވެ. ކުރިމަގު ފެންނަގޮތުން އަދިވެސް ބްރިކްސް ދާނީ ފުޅާވަމުން ވަރުގަދަވަމުންނެވެ. ގިނަދުވަސްތަކެއްނުވެ މުޅިދުނިޔޭގެ ވިޔަފާރީގެ ފަންސާސް އިންސައްތައަށްވުރެ ކުޑަނޫން މިންވަރެއް މިނެކިރޭނީ ބްރިކްސްގެ ވިޔުގައިގެ ތެރެއިންނެވެ.
ކުރިންވެސް ދެންނެވިފަދައިން ދުނިޔޭގެ އިގްތިސާދީ އަދި މާލީ އިދާރާތައް ކޮންޓްރޯލް ކުރަމުން އައީ ޖީހަތެއްގެ ގައުމުތަކުންނެވެ. ދުނިޔޭގެ މުޅި އިގްތިސާދު އޮތީ ޖީހަތެއްގެ މުށުތެރޭގައެވެ. ޖީހަތެއްގައި ހިމެނެނީ އެމެރިކާގެ އިތުރުން ޖަޕާން، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަންވިލާތް އަދި ކެނެޑާއެވެ. މިއީ ހައްތާވެސް އެމެރިކާގެ ބައިވެރިންނެވެ. އެހެންވީމާ ދުނިޔޭގެ މާލީ ނިޒާމުގެ ތެރެއިން ގައުމުތަކަށް އަދަބުދިނުމާއި ސައިޒުކުރުމަށް ބޭނުންކުރެވޭ ހަތިޔާރަކަށްވެސް މިކަން އޮންނަނީ ވެފައެވެ. ނުރުހޭ ގައުމުތަކަށް އަދަބުދިނުން އޮތީ އާއްމު ކަމަކަށްވެފައެވެ. މީގެ މިސާލަކީ އީރާނާއި ދެކޮޅަށް އެޅިފައިވާ ފިޔަވަޅުތަކާއި ރަޝިޔާއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކެވެ. ބޭނުންވީމާ ބޭނުންއިރަކު ގައުމުތަކުގެ މުދަލާއި ފައިސާ ހިފަހައްޓައި ގަނޑުކުރަންވީއެވެ. ދަތިކުރުމުގެ ނަމުގައެވެ.
ބްރިކްސްގެ ކަންކަން މުޅިން ފުރިހަމަވީމާ ހުޅަނގުގެ ގައުމުތަކުން މިހާރު ސިޔާސީ ހަތިޔާރަކަށް ހަދައިގެންއުޅޭ ދަތިކުރުމުގެ ފިޔަވަޅުތައް މުޅިން ބޭކާރު ކަމަކަށް ބަދަލުވެގެންދާނެއެވެ. ސިޔާސީ ހަސަދަ ފިލުވައިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ދުނިޔޭގެ މާލީ ނިޒާމު ނުހެދޭނެއެވެ. މިހާރުވެސް ކަންކަން އެއޮތީ ބަދަލުވެފައެވެ. ރަޝިޔާއާ ދެކޮޅަށް ނަންހުސްކޮށް އެތިބީ ފިޔަވަޅު އަޅައިގެންނެވެ. ނަތީޖާއެއް ނުފެނެއެވެ. އީރާނާ ދެކޮޅަށްވެސް އެތިބީ ފިޔަވަޅު އަޅައިގެންނެވެ. އެކަމަކު ނަތީޖާއެއް ނުނެރެވެއެވެ. އެންމެފަހުން ދިމާކުރީ ކަނޑުފޭރުމަށެވެ. އީރާނުގެ ތެޔޮބަރުކޮށްގެން އެކިތަންތަނަށް ދަތުރުކުރާ ތެޔޮޓޭންކަރުތައް ހުއްޓުވައި އޭގައި ހުންނަ މުދާ ފޭރިގަތުމަށެވެ. މިޒާތުގެ ހަތަރުފަސް ހާދިސާއެއްވެސް ވަނީ ހިނގައިފައެވެ. ބްރިކްސްއަކީ ހުޅަނގުގެ މިކަހަލަ ފޭރުންތަކަށްވެސް ނިމުމެއް ގެނެސް ދުނިޔޭގެ އިގްތިސާދު އަމާންކުރާނެ ޖަމާއަތެވެ. ގިނަ ގައުމުތަކުން ބްރިކްސްއަށް މަރުހަބާ ކިޔަނީ އެހެންވެގެންނެވެ.