ޕާކިސްތާނުގެ ފެނުގެ ސަލާމަތަށް ނުރައްކާވެއްޖެނަމަ އިންޑިއާއާ ދެކޮޅަށް ހަނގުރާމައަށް ނުކުންނާނެ ކަމުގެ އިންޒާރު ޕާކިސްތާނުގެ ދިފާއީ ވަޒީރު ހަވާޖާ އާސިފް ދެއްވައިފިއެވެ. އޭނާ މި އިންޒާރު ދެއްވާފައިވަނީ ޕާކިސްތާނަށް ފެނުގެ ބޮޑު ތަދުމަޑުކަމަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އާދީއްތަ ދުވަހު “އޭއާރްވައި ނިއުސް” އަށް ދެއްވި އިންޓަވިއުއެއްގައި ހަވާޖާ އާސިފް ވިދާޅުވި ގޮތުގައި، ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފިކަން އިހުސާސްކުރެވޭ ހިނދު އިންޑިއާއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރާނެއެވެ. އަދި ފެނަކީ ގައުމީ ސަލާމަތުގެ ބައެއް ކަމަށާއި، އިންޑިއާއިން ފެނުގެ ސަޕްލައިއަށް ހުރަސްއަޅަން މަސައްކަތްކުރާކަމުގެ ހެކި ލިބިއްޖެނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ހޫނުވެފައިވަނީ 1960 ވަނަ އަހަރު އެކުލަވާލާފައިވާ “އިންޑަސް ވޯޓަރސް ޓްރީޓީ” އަށް އަމަލުކުރުން އިންޑިއާއިން މެދުކަނޑާލާފައި ވަނިކޮށެވެ. އިންޑިއާއިން މި މުއާހަދާ މެދުކަނޑާލީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ކަޝްމީރުގެ ޕަހަލްގާމްގައި ދިން ޓެރަރިސްޓު ހަމަލާއަކާ ގުޅިގެންނެވެ. މީގެ އިތުރުން، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕާކިސްތާނަށް ދޫކުރާ ފެން އެއްކޮށް ކަނޑާލާނެ ކަމުގެ އިޝާރާތެއް އިންޑިއާގެ ޖަލް ޝަކްތީ މިނިސްޓަރު ސީއާރް ޕާޓިލް ދާދި ފަހުން ވަނީ ދެއްވާފައެވެ.
ޕާކިސްތާނުގެ ސަރުކާރުން ފެނުގެ މައްސަލައިގައި އިންޑިއާ ކުށްވެރިކުރި ނަމަވެސް، މިނިވަން ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ޕާކިސްތާނަށް ދިމާވެފައިވާ ފެނުގެ މައްސަލައިގެ އަސްލަކީ އެ ގައުމުގެ އެތެރޭގެ މެނޭޖްމަންޓް ދޯދިޔާވުމެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، އާބާދީ އިތުރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން، ފެން ރައްކާކުރާނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން ކޮންމެ އަހަރަކު އެތައް މިލިއަން އޭކަރު ފޫޓެއްގެ ފެން ބޭކާރުވެގެން ކަނޑަށް އެޅެއެވެ.
ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ފެނުގެ މައްސަލައިގެ ސަބަބުން ނިއުކްލިއަރ ހަތިޔާރު ލިބިފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެފައިވާއިރު، ޕާކިސްތާނުގެ އާބާދީގެ ބޮޑު ބަޔަކަށް މިހާރުވެސް ވަނީ ސާފު ބޯފެން ނުލިބުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ކޮމެންޓް