އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި، ސުލްހައިގެ ފަހު އެއްބަސްވުމަކާ ހަމައަށް ދިއުމަށް 60 ދުވަހުގެ މަގުޗާޓެއް އެކުލަވާލުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ. ސްވިޓްޒަލޭންޑުގައި ކުރިއަށްދިޔަ މި މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާކޮށްފައިވަނީ ގަތަރާއި ޕާކިސްތާނުންނެވެ.

ގަތަރާއި ޕާކިސްތާނުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނި ގޮތުގައި، މި މަގުޗާޓުގެ ދަށުން ސިޔާސީ ކަންކަން ބެލެހެއްޓުމަށް މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. މި ކޮމިޓީގެ ބެލުމުގެ ދަށުން، ނިއުކްލިއަރ މައްސަލަތަކާއި، ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން މަސައްކަތްކުރާނެ ހާއްސަ ގްރޫޕްތަކެއް އެކުލަވާލާނެއެވެ. މީގެ އިތުރުން، ލުބުނާނުގައި ހިނގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓުވުން ކަށަވަރުކުރުމަށް ހާއްސަ ސެލްއެއް އުފެއްދުމަށާއި، ހޮރުމުޒް ކަނޑުއޮޅިން ވިޔަފާރި ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގުފަހިކުރުމަށް ދެ ގައުމުގެ ދެމެދުގައި މުވާސަލާތީ ގުޅުމެއް ގާއިމުކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ސްވިޓްޒަލޭންޑުގެ ބަރގަންސްޓޮކް ރިސޯޓުގައި ކުރިއަށްދިޔަ މި މަޝްވަރާތައް ފެށިގެންދިޔައީ ނުތަނަވަސްކަމަކާއެކުގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި އީރާނަށް އިންޒާރުދެއްވުމާ ގުޅިގެން، އީރާނުގެ ވަފުދުން ވަނީ ކުޑަ ވަގުތުކޮޅަކަށް މަޝްވަރާތައް ދޫކޮށް ގޮސްފައެވެ. ނަމަވެސް، މެދުވެރިންގެ މަސައްކަތުން އަލުން މަޝްވަރާތައް ފަށައި، އެދެވޭ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެމެރިކާގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ނައިބު ރައީސް ޖޭޑީ ވެންސްއާއި ރައީސްގެ މުޝީރު ޖެރެޑް ކުޝްނަރއެވެ.

މިކަމާ ގުޅިގެން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، ގަތަރާއި ޕާކިސްތާނުގެ މެދުވެރިކުރުމާއެކު ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އަދި މި އެއްބަސްވުންތަކުގެ އެންމެ ފުރަތަމަ އިމްތިހާނަކަށް ވާނީ ލުބުނާނުގައި ގާއިމުކުރާ ސެލްގެ މަސައްކަތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ސްވިޓްޒަލޭންޑުގައި ފަންނީ ފެންވަރުގެ އިތުރު މަޝްވަރާތައް ކުރިއަށްދާނެ ކަމަށް މެދުވެރިންގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.