ޒަމާނުއްސުރެ ރާއްޖޭގެ ސިޔާސީ މައިދާނުން ދައްކުވައިދިން އެއް ހަގީގަތަކީ ވަކި ލީޑަރަކަށް ނޫނީ ވަކި ޕާޓީއަކަށް ކާމިޔާބު ހޯދައިނުދެވޭނެ ކަމެވެ. ވަކި މީހަކު ހުރެގެން ނޫނީ އިންތިހާބުތައް ކާމިޔާބު ނުކުރެވޭނެ ކަމެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ޑީއާރްޕީންނާއި ރައީސް މުހައްމަދު ނަޝީދުގެ ރައީސް ކަމުގައި އެމްޑީޕީން އަދި މިހާރު ރައީސް އަބްދުﷲ ޔާމީންގެ ލީޑާޝިޕްގައި ޕީޕީއެމުންވެސް ދައްކުވައިދިނީ އެ ހަގީގަތެވެ. ޑީއާރްޕީ އާއި އެމްޑީޕީން އެއީ ހަގީގަތް ނޫން ކަން ގަބޫލުކޮށް، ވިސްނުން ބަދަލުކުރުވިއެވެ. އެ ބަދަލަށް ދިވެހިން ހޭނިއްޖެއެވެ. އެހެން ނަމަވެސް ޕީޕީއެމްގެ އެ ވިސްނުން މި ފަހަކާ ޖެހެންދެންވެސް އޮތީ ހަމަ އެ އޮތް ތަނުގައެވެ.
ޕީޕީއެމްގެ ވިސްނުމަކީ ވަކި މީހަކަށް ނޫނީ ޕާޓީގެ ކުރިއެރުމަށް މަސައްކަތް ނުކޮށްދެވޭނެ ކަމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާއި އެ މަނިކުފާނުގެ "ވިޝަނަރީ" ވިސްނުންފުޅަކީ ތާ އަބަދު ޕީޕީއެމްގެ ކުރިމަގު ކޮށައިދޭން އޮތް ހަތިޔާރެވެ. އެ ޕާޓީގެ ރިޔާސީ ޓިކެޓަކީ އެ މަނިކުފާނުގެ ހައްގެކެވެ. އެ މަނިކުފާނުގެ ވިސްނުންފުޅާ އިދިކޮޅު ފަރާތްތަކަކީ ނުވަތަ ހިޔާލު ކިރިޔާވެސް ތަފާތު ފަރާތްތަކަކީ ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅުހަދާ ފަރާތްތައް ކަމަށް ގަބޫލު ކުރެއެވެ. ރައީސް ޔާމީން ނޫން ގޮތެއް އެ ޕާޓީއަކަށް ނެތެވެ. ނުވެސް އޮންނާނެއެވެ. އެއީ ޕީޕީއެމްގެ ގިނަ ބަޔަކު ގަބޫލުކުރާ ހަގީގަތެވެ.
އޭގެ އެއް މިސާލަކީ މިދިޔަ އަހަރު އެ ޕާޓީން ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ. ޑިމޮކްރެޓިކް ޕާޓީއަކުން އަބަދުވެސް ގަބޫލުކުރާ އެއް ހަގީގަތަކީ ހުރިހާ ފަރާތްތަކަށްވެސް ޕާޓީގެ އިސް ސަފުގައި ވާދަކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމެވެ. ޕާޓީގެ މަގާމުތަކާއި ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހަމަހަމަކަމާ އެކު ލިބިގެން ދިއުމެވެ. އެހެނަސް ޕީޕީއެމުން ވަނީ އެ އަސާސްތައް ބޮލާލައި ޖަހައި، ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް އަރުވައިފައެވެ. އެއީ އެންމެ ރަނގަޅު އަދި އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށް ޕީޕީއެމްގެ މެންބަރުންގެ ސިކުނޑިތަކަށް އަބަދުވެސް އޮތީ ވިސްނައިދީފައެވެ. އެހެނަސް އެއީ އެންމެ ޑިމޮކްރެޓިކް ގޮތް ހެއްޔެވެ؟ މިއީ އޭރުވެސް އެއް ބައެއްގެ ސުވާލެކެވެ.
"ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ގަބޫލު ކުރާ މީހުނޫ މި ކިޔަނީ، އެކަމަކު ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތައް އެއީ ހަމައެކަނި ވަކި މީހަކު ބުނާ ގޮތެއް ހެދުން ނުވަތަ ވަކި މީހަކު ނިންމާ ނިންމުމެއް ކަމަށް ގަބޫލުކުރާ މީހުން އަދިވެސް ވަރަށް ގިނަ. އޭގެ އެއް މިސާލަކީ ޕީޕީއެމް. ރައީސް ޔާމީން ނޫން ގޮތެއް ނެތް ކަމަށް އެޕާޓީގެ މެންބަރުން އަބަދުވެސް ގަބޫލު ކުރަނީ. އެއީ އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށްވެސް އެމީހުން ގަބޫލުކުރޭ. ކޮންމެ ހާލެއްގައިވެސް ރިޔާސީ އިންތިހާބު ޕީޕީއެމަށް ލިބޭނީ ރައީސް ޔާމީނަށް ޓިކެޓް ދީގެންކަން އެމީހުން ގަބޫލު ކުރަނީ. އެއީ ރައީސް ޔާމީން އެމީހުންނަށް ވިސްނައިދީފައި އޮންނަ ގޮތް. ކުރިން މައުމޫން އަދި ނަޝީދުވެސް އެބޭފުޅުންގެ ޕާޓީގެ މެންބަރުންނަށް ވިސްނައިދީފައި އޮތް ގޮތް،" ސިޔާސީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު "ވަން" އަށް ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހަވާލުކުރިޔަސް، އެ މަނިކުފާނު މިހާރު ގެންދަވަނީ އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އިއްވި އެ ހުކުމާއެކު، ރައީސް ޔާމީނަށް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގެންފައެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިޔަސް، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަދި ނެތެވެ. އެހެން ކަމުން ޕީޕީއެމަށް އޮތީ "ޕްލޭން ބީ" އެއް ބޭނުންވެފައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު އޮއިވަރު މިވަނީ އެއްކޮށް ބަދަލުވެފައެވެ. އެކުގައި އެއް ބައެއްގެ ގޮތުގައި ތިއްބެވި މިތުރުން މިވަނީ ހަތުރުންނަށް ވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު މިވަނީ ދެ ފިކުރަކަށް ވެ، ޕާޓީ ބައިބައިވެފައެވެ. އެންމެ ބޮޑު ޕާޓީ ދެފަޅިވެ، ވޯޓުތައްވެސް މިވަނީ ފަޅިފަޅިއަށް ބެހިފައެވެ. އަނެއްކޮޅުން ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ އަންނަނީ އެއް އޮޑިއަށް އަރަވައިގަތުމަށް މަޝްވަރާކުރައްވަމުންނެވެ. ހުރަހަކަށް ވެފައި އޮތީ ނަޝީދުގެ ބަރުލަމާނީ ޕްރޮޕޯސަލެވެ.
މި ހުރިހާ ބަދަލަކާ އެކު އެންމެ ބޮޑު އެޑްވާންޓޭޖެއް އޮތް ޕާޓީއަކީ އިދިކޮޅުގައި މިވަގުތު އޮތް ޕީޕީއެމެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައިވާ ގޮތުން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިހާބުގެ "ފެވަރިޓުން" އަކީ ޕީޕީއެމް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރައީސް ޔާމީނަށް ކުރިމަތި ލެވޭނެ ކަމުގެ އުންމީދުގައި މެންބަރުން ތިއްބަސް، ކޯޓު މަރުހަލާގައި ކާމިޔާބު ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންވެ ޕީޕީއެމްގެ އިސް ބައެއް ވެރިން މިވަނީ "ޕްލޭން ބީ" އަކަށް ތައްޔާރުވާން ފަށައިފައެވެ.
އެންމެނަށްވެސް އެނގޭ އެއް ހަގީގަތަކީ ޕީޕީއެމްގެ ތެރޭގައި ފެކްޝަންތަކެއް އުފެދިފައިވާ ކަމެވެ. ޔާމީންގެ ޖަލު ހުކުމާއެކު ފެކްޝަންތަކުގެ އަޑުތައް ފަހުން މިވަނީ ގަދަވެސް ވެފައެވެ. އެގޮތުން ޔާމީނަށް ކުރިމަތިނުލެވިއްޖެ ހާލަތެއްގައި ކަން ކުރާނެ ގޮތުގެ "ޕްލޭން ބީ"އެއްގެ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށްދާ ކަމުގެ ވާހަކަތައްވެސް ވަނީ ގިނަވެފައެވެ. އޭގެ ތެރެއިން އެއް ގޮތަކީ ގާސިމާއި ބައިއަތު ހިފައިގެން ކުރިއަށް ދިއުމެވެ. އަނެއް ގޮތަކީ ޕީޕީއެމް ތެރެއިން ކެންޑިޑޭޓަކު ނެރުމެވެ. އެގޮތުން މާލޭ ސިޓީގެ މޭޔަރު، ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގެ އަޑު މިފަހުން ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި މާލޭ ސިޓީ މޭޔަރު، ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓު ހޯއްދަވައިދެއްވުމަށް އެ ކޯލިޝަންގެ ބައެއް މެންބަރުން ކެމްޕޭން ކުރަމުންދާ ކަމަށް ކޯލިޝަންގެ ސެނެޓުގެ ބައެއް މެންބަރުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެބުނާ "ޕްލޭން ބީ" މިވަނީ އެކްޓިވޭޓް ކޮށްފައެވެ. އެ ވާހަކަތަކެއް މިހާރު ކޮންމެވެސް ވަރަކަށް ދެކެވެން ފަށާފައިވީ ނަމަވެސް އަދި އެކަމުގެ މަޝްވަރާތައް ރަސްމީކޮށް ތިލައެއް ނުވެއެވެ.
"ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއް އަތުވެއްޖެ ނަމަ ދެން އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން މިހާރު ވާހަކަ އެބަ ދެކެވޭ. ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި މިހާރު ނުރަސްމީކޮށް އެ ވާހަކަ އެބަ ދައްކާ، ޑރ. މުހައްމަދު މުއިއްޒުގެ ނަން ވެސް އެބައޮވޭ. އެކަމަކު އަދި ހަމަ ކެންޑިޑޭޓަކީ ރައީސް ޔާމީން. އަދިވެސް މި ބަލަނީ އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް،" ސެނެޓަރަކު ވިދާޅުވިއެވެ.
ޕީޕީއެމްގެ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޔާމީނުގެ ނަން މޭޒުމަތީ ބާއްވައިގެން އުޅުމަކީ މިހާރު "ޗޮއިސް" އެއް ނޫނެވެ. އެއީ އެ މަނިކުފާނު ޖަލު ހުކުމެއްގައި ރަނގަޅަށްވެސް ބަނދެވިފައިވާތީ އެވެ. އެކަމުން ވީއްލޭނެ ކަމުގެ އެއްވެސް ކޮޅުމަގެއް ފެންނާން ނެތީމައެވެ. އެހެންކަމުން ޕާޓީއަށް ކާމިޔާބު އޮތީ އެހެން ޗޮއިހެއް ހޯދައިގެންނެވެ. އެއީ މިހާލަތުގައި ޔާމީން ނޫން ގޮތެއް ކަމަށް އެމީހުންވެސް ގަބޫލުކުރެއެވެ. މިހާރު އެންމެ ބޮޑު އެޑްވާންޓޭޖެއް އޮތް ޕާޓީއަކީ ޕީޕީއެމް ކަމަށް ވުމުން، މިހާލަތުގެ ފައިދާ ނުނަގައިފިނަމަ، މިސްރާބު ނެތް އޮޑިއެއްހެން ބެހިގެން ދާނީ ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ.
"ސިޔާސީ މައިދާނުގައި އަސްލު މިހާ ބޮޑު އެޑްވާންޓޭޖެއް އޮތް ޕާޓީއެއް މިވަގުތަކު ނެތް. އެއީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް. އެކަމަކު އެކަން ކުރެވެން އޮތީ ވިސްނުން ބަދަލުކޮށްގެން. އެ ވިސްނުމަކީ ޔާމީން ނޫން ބޭފުޅަކަށް މިވަގުތު ފުރުސަތު ދިނުންކަމަށް ގަބޫލު ކުރަނީ. އެންމެ ފަހު ވަގުތާ ޖެހެންދެން ބަލަހައްޓައިގެން ތިބުމަކީ ޗޮއިހެއް ނޫން. މިކަމުގެ ފައިދާ ނަގައި ޕާޓީގެ މިސްރާބު ރިޔާސީ އިންތިހާބަށް އަނބުރާލަން އެބަ ޖެހޭ. އެހެން ނޫނީ ކޮޅެއްގައި ނުޖެހި ޕާޓީ ބެހިގެން ހިނގައިދާނެ،" ޕީޕީއެމްގެ އާންމު މެންބަރަކު "ވަން" އަށް ބުންޏެވެ.
"ޕްލޭން ބީ" ރަނގަޅަށް ފަށައި ނުގަނެވި އުޅެނިކޮށް، ރައީސް ޔާމީން މިވަނީ ވަރުގަދަ އިންޒާރެއްވެސް ދެއްވައިފައެވެ. ޑރ. މުހައްމަދު މުއިއްޒަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދަވައިދެއްވުމަށް ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް މަސައްކަތް ކުރައްވާ ކަމަށްބުނެ، އެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަން ފެށީ ޔާމީން އަންގަވައިގެންނެވެ. އެންމެ ފަހުން ރަމީޒް ވަނީ ޕާޓީން އިސްތިއުފާދެއްވައިފައެވެ. މުއިއްޒުވެސް ވަނީ އެ ބުނާ ކެމްޕޭންގެ ވާހަކަ ދޮގު ކުރައްވައި، ޕްލޭން ބީގައި މަތިއަޅުއްވައިފައެވެ. ތެދެއް ދޮގެން ނޭނގެ އެވެ. އެތެރެ އެނގޭ ބައެއް މީހުން ބުނާގޮތުގައި، ރަމީޒް ގެންދެވީ ވަރަށް ފާޅުގައި ޔާމީން ގޯސް ކުރައްވަމުންނެވެ. އެނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ.
"ޕީޕީއެމްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހަވާލުކޮށްފައި. އަޅުގަނޑު ގަބޫލުކުރަނީ ޔާމީން މިނިވަންވެޑައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް. ރިޔާސީ އިންތިހާބުގައި ވާދަކުރަން އަޅުގަނޑު ވިސްނާފައެއްވެސް ނުވާނެ. ހައި ކޯޓުން މިނިވަންވެވަޑައިގެން ރައީސް ޔާމީން އިންތިހާބުގައި ވާދަކުރައްވާނެ،" މުއިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ވިސްނުންފުޅަކީވެސް ރިޔާސީ ރޭހަށް ނުކުންނެވުމެވެ. ޕީޕީއެމަކީ އެ މަނިކުފާނުގެ ވިޝަން އެވެ. ޕީޕީއެމްގެ ޓިކެޓް އަދިވެސް ހައްގު ފަރާތަކީ އެމަނިކުފާނެވެ. މިއީ އެއްބަޔަކު ދެކޭ ގޮތެވެ. އެހެންކަމުން ޕާޓީގައި ބަސްބުނުމާއި ނިންމުންތައް ނިންމާނެ ފަރާތަކީ ހަމައެކަނި ރައީސް ޔާމީން ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަން މިހާރުވެސް ފެންނަމުންދާ މަންޒަރުތަކުން ވަރަށް ރަނގަޅަށް އެނގެއެވެ. އެކަން ޕާޓީގެ އެހެން ލީޑަރުންވެސް ގަބޫލުކޮށްގެން ތިބިކަމީ ހަގީގަތެކެވެ. ޔާމީން ނޫން ޗޮއިހެއް އަދި ނެތް ކަމެވެ. އެއީ އެންމެ ޑިމޮކްރެޓިކް ހަމަތަކެވެ. އެއީ އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށްވެސް ޕާޓީގެ އިސް ބޭފުޅުން ގަބޫލުކުރައްވައެވެ.
"ޕީޕީއެމް، ޕީއެންސީގެ ތެރޭގައި މިވަގުތު އެއްވެސް ބޭފުޅަކު ރިޔާސީ ޓިކެޓްގެ ވާހަކަ ދައްކަންޖެހޭ ހާލަތެއް އޮތް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ޑިމޮކްރެޓިކް ހަމައަކުން ނެތް. އެއީ ޑިމޮކްރެޓިކް ހަމަތަކުގަ އޮންނަ އުސޫލުގެ މަތިން ޓިކެޓް މި އޮތީ ހަވާލުކޮށްފަ. ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެރުވީ މުޅި ކައުންސިލްގެ އިއްތިފާގުން ކަމަށް ވާތީ އެ ނިންމުން ޕާޓީގެ މެންބަރުން ވެސް ގަބޫލު ކުރަންޖެހޭ،" ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވެއެވެ.
އެހެނަސް ތާރީހަށް ބަލާއިރު، ޕާޓީއަކީ އެކެއްގެ އެއްޗެއް ނޫންކަން ވެސް ސާފެވެ. އޭގެ ދެ މިސާލެއް ވަރަށް ގާތް ގާތުގައި މިވަނީ ފެނިގެން ގޮސްފައެވެ. ދިވެހީން ދުށް އެންމެ ނުފޫޒުގަދަ، ދިގު 30 އަހަރުގެ ރައީސް، ރައީސް މައުމޫނަށް ޕީޕީއެމް ގެއްލިވަޑައިގެންނެވި ގޮތުގެ ތަޖުރިބާއެވެ. "މި އޮޑިއެއް ނުފެތޭނޭ" ވިދާޅުވަމުން ވަޑައިގެންނެވި ރައީސް ނަޝީދަށް މިއަދު "ފިކުރެއްގެ ދިރުން" ދިރުވަންވެސް ޖާގަ ލިބިވަޑައިގެންފައިނުވާ ފިލާވަޅެވެ. އެހެންކަމުން ރައީސް ޔާމީނަށްވެސް އަބަދު އެ ބާރު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރުމަކީ ކުށް ހީއެއް ކަމަށް ވެދާނެއެވެ.
ރިޔާސީ އިންތިހާބަށް ފަސް ވަރަކަށް މަސްދުވަހަށް ވެފައިވާ އިރު، ޕީޕީއެމުން އިތުރު ޗޮއިހެއް ހޯދަން ޖެހޭ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ނަމަވެސް ޔާމީން ހުންނެވީ ޓިކެޓް ދޫކޮށްލައްވާ ގޮތަކަށް ނޫނެވެ. ޔާމީން ނޫން ބޭފުޅަކަށް ޓިކެޓް ދީފި ނަމަ، އެ މަނިކުފާނަށް ޕާޓީ ގެއްލިދާނެ ކަމުގެ ބިރުވެރިކަމުގައި، އެހެން ބޭފުޅަކަށް ޖާގަ ނުދިނުމުގެ ވިސްނުން އަދިވެސް އޮތީ ކުރީގައެވެ. އެ ވިސްނުން ބަދަލު ކުރުމަށް ޕާޓީ ތެރެއިން މަސައްކަތް ކުރާ ކޮންމެ މީހަކު، ޕާޓީން "ދުއްވައިލާނެ" ކަމުގެ އިންޒާރު އެވަނީ ވަރަށް ރަނގަޅަށްވެސް ދީފައެވެ. އެހެން ނަމަވެސް ޕީޕީއެމަށް އެންމެ ބޮޑު ފައިދާއެއް ނެގެން އޮތް މިހާލަތު ނަގާލައި، ޕާޓީ މަރުފަލި ޖަހަން ދޫކޮށްލަންވީތޯ، ޕީޕީއެމްގެ މެންބަރުންވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ސުވާލު އުފައްދައެވެ.
އެއްވެސް ޝައްކެއްނެތެވެ. ވާން އޮތް ނަމަ އެންމެ މޮޅު ގޮތަކީ ޔާމީން ރިޔާސީ ރޭހުގައި ވާދަކުރެއްވުން ކަމަށް ވެދާނެ އެވެ. އެކަމަކު އެއީ އޮތް ފުރުސަތެއް ކަމަށް ނިންމައިގެން ތިބޭނީ ކިހާ ދުވަހެއް ވާންދެން ހެއްޔެވެ؟ މިސްރާބެއް ނެތި، ޕީޕީއެމުން ކުރާ ދަތުރަށް ކާމިޔާބެއް އެބަ އޮތް ހެއްޔެވެ؟ ނޫނީ ރައީސް ޔާމީން ނޫން ގޮތެއް ނެތް ކަމަށް ނިންމައި، އެއީ އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށް ނިންމައިގެން، މެންބަރުން އެވަރުން ފުއްދާލަންވީ ހެއްޔެވެ؟ އަދިވެސް ވަގުތު އެބަ އޮތް ހެއްޔެވެ؟ މަޑު ކުރާނީ ކިހާ ދުވަހަކު ހެއްޔެވެ؟
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް