ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ތެރެއިން އޭނާއަށް ތާއިދުކުރާކަން އެނގިވަޑައިނުގަންނަވާ ކަމަށް މާލޭ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި މުއިއްޒަށް ރިޔާސީ ޓިކެޓު ހޯއްދަވައިދެއްވުމަށް އެ ކޯލިޝަންގެ ބައެއް މެމްބަރުން ކެމްޕޭން ކުރަމުންދާ ކަމަށް ކޯލިޝަންގެ ސެނެޓް މެމްބަރުންތަކެއް ވަނީ "ވަން" އަށް މައުލޫމާތު ދެއްވައިފައެވެ.

ޕީޕީއެމްގެ ބައެއް ސެނެޓަރުން "ވަން" އަށް ރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ތާއީދުކުރުމުގެ ވާހަކަތަކެއް މިހާރު ކޮންމެވެސް ވަރަކަށް ދެކެވެން ފަށާފައިވާ ކަމަށެވެ. ނަމަވެސް އަދި އެކަމުގެ މަޝްވަރާތަކެއް ރަސްމީކޮށް ފަށާފައިނުވާ ކަމަށެވެ.

އެހެން ސެނެޓަކު ވިދާޅުވީ ޕީޕީއެމް އޮފީސް ތެރޭގައިވެސް މިހާރު މުއިއްޒަށް ތާއިދުކޮށް ވާހަކަތަކެއް ދެކެވެމުންދާ ކަމަށެވެ. ނަމަވެސް އެއީ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.

"މިހާރު އެބައޮތް ތިކަހަލަ ވާހަކަތަކެއް، ޕީޕީއެމް އޮފީސް ތެރޭގައި، ވާހަކަވެސް ދައްކާ ހަދާ އެގޮތަށް،" އެ މެމްބަރު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން މުއިއްޒު "ވަން" އަށް ރޭ ވިދާޅުވީ ޕީޕީއެމްގެ އެތެރޭގައި އޭނާއަށް ތާއީދުކުރާ ވާހަކަތަކެއް ދެކެވެމުން ނުދާ ކަމަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ.

"ކޮންބަޔަކު ދެއްކެވި ވާހަކަތަކެއްތޯ އަޅުގަނޑަށް ތާއީދުކުރާ ވާހަކަ، އަޅުގަނޑަށް ތާއީދުކުރާ ކަމަށްބުނެ ވާހަކަތަކެއް ދެކެވެމުންދާ ކަމެއް އެނގިފައެއް ނުވޭ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތަކަށް އޭނާ ވިސްނަވާފައިނުވާނެ ކަމަށެވެ. ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ޔާމީނަށް ރިޔާސީ ކެންޑިޑޭޓުކަން ދެއްވާފައިވާ ކަމަށާއި ހައި ކޯޓުން މިނިވަންވެވަޑައިގެން ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.