ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަމުންދާ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒްގެ މައްސަލައަކީ މާލޭ ސިޓީގެ މޭޔަރު، ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދަވައިދެއްވުމަށް ކެމްޕޭން ކުރައްވާ ކަމަށްބުނެ ހުށަހެޅިފައިވާ މައްސަލައެއް ނޫން ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އިސްތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިރޭ ވިދާޅުވީ ރަމީޒުގެ މައްސަލައެއް ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ނޭނގޭ ކަމަށެވެ.
"މައްސަލައެއް ހުށަހަޅާފައި. ދެން އަޅުގަނޑަށް އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެވޭނީ ސުލޫކީ ކޮމިޓީން އެ މައުލޫމާތެއް ހާމަކުރީމަ،" ހީނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޑރ. މުއިއްޒު "ވަން" އަށް މިރޭ ވިދާޅުވީ އޭނާއަކީ ވެސް ޕީޕީއެމްގެ ލިޑާޝިޕުގައި ހިމެނިވަޑައިގަންވާ ބޭފުޅެއް ކަމަށާއި ޔާމީން ފޮނުވާ ނޯޓުތަކާއި ސިޓީތައް ވެސް އޭނާއަށް ފެންނަ ކަމަށެވެ. އެ ނޯޓުތަކުގައި ޔާމީން ވިދާޅުވި ވާހަކައަކާ ގުޅިގެން ރަމީޒުގެ މައްސަލައެއް ބަލަމުންނުދާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް މުއިއްޒު ވިދާޅެއް ނުވެއެވެ.
"އަޅުގަނޑަކީވެސް ލީޑާޝިޕް ބޭފުޅެއް، އަޅުގަނޑަށްވެސް ރައީސް ޔާމީންގެ ނޯޓުތައް ލިބޭ. އޭގައި އޮތް އެއްޗަކާ ގުޅިގެން ރަމީޒުގެ މައްސަލައެއް ބަލަމުން ނުދޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ރަމީޒުގެ މައްސަލަ ބަލަން އެންގީ ޔާމީންގެ ވަކީލުން މެދުވެރިކޮށް ފޮނުވި ނޯޓަކާ ގުޅިގެންތޯ އާއި އެ ނޯޓުގައި ރަމީޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ މުއިއްޒަށް ރިޔާސީ ކެންޑިޑޭޓު ހޯދައިދިނުމަށް ކަމަށް ފާހަގަކުރައްވާފައިވޭތޯ "ވަން" އިން ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ ވަކީލުން ހަވާލުކުރާ ނޯޓުތަކުގައި އެކަހަލަ ކަމެއް ފާހަގަކޮށްފައިނުވާ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ، އޭނާއަށް ރިޔާސީ ކެންޑިޑޭޓު ހޯދައިދިނުމަށް ރަމީޒު މަސައްކަތްކުރައްވާފައިނުވާ ކަމަށެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެމަނިކުފާނަށް ވާދަނުކުރެވޭ ހާލަތަކަށް ވިސްނާފައިނުވާނެ ކަމަށެވެ.
"ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހަވާލުކޮށްދެއްވާފައި. އަޅުގަނޑު ގަބޫލުކުރަނީ ޔާމީން މިނިވަންވެޑައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް. ރިޔާސީ އިންތިހާބުގައި ވާދަކުރަން އަޅުގަނޑު ވިސްނާފައެއްވެސް ނުވާނެ. ހައި ކޯޓުން މިނިވަންވެވަޑައިގެން ރައީސް ޔާމީން އިންތިހާބުގައި ވާދަކުރައްވާނެ،" މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމްގެ އެތެރޭގައި ރިޔާސީ އިންތިހާބަށް އޭނާއަށް ތާއީދުކޮށް ބައެއް މެމްބަރުން ވާހަކަދައްކާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ އެފަދަ ވާހަކަތަކެއް ނުދެކެވޭ ކަމަށާއި ދެކެވޭނަމަ އޭނާއަށް ވެސް އެނގޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު