ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.
ގުރައިދޫ ދާއިރާގެ ގޮނޑިއަށް ތިން ކެނޑިޑޭޓަކު ވަނީ ކުރިމަތިލައިފައެވެ. އެގޮތުން ޕީޕީއެމުން ރިޒާ ކޮއްކޮ ހުސައިން ރިޒާ އާދަމް ކުރިމަތިލާފައިވާ އިރު، އެމްޑީޕީން އިބްރާހީމް ޝާޒު އަދި އެމްއެންޕީން ކުރިމަތިލާފައިވަނީ އަލީ އަރީފްއެވެ.
ގުރައިދޫ ދާއިރާގެ ތިން ރަށް، ގުރައިދޫ އާއި މާފުއްޓާއި ގުޅި އަދި މާލޭގެ އިއްޒުއްދީން ސްކޫލްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު، މިއަދު ހެނދުނު 8:30 ގައި ވަނީ ހުރިހާ ވޯޓް ފޮއްޓެއްގައި ވޯޓްލުން ފަށައިފައެވެ.
އެ ދާއިރާއަށް ވޯޓުލުމުގެ ހައްގު 3،423 މީހުންނަށް ލިބިގެންވާ އިރު، ވޯޓް ލުން މިއަދު ހަވީރު 4:00އާ ހަމައަށް ކުރިއަށްދާނެއެވެ. މާލޭގައި ވޯޓްލުން ކުރިއަށްދާނީ އިއްޒުއްދީން ސްކޫލްގައެވެ. އެ ފޮއްޓަށް 451 މީހަކު ވޯޓުލާން ޖެހެއެވެ.
ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީޕީއެމުންނެވެ. އެގޮތުން 2019 ގައި ބޭއްވި އިންތިހާބުގައި ރިޒާ ގޮނޑި ކާމިޔާބުކުރެއްވީ 47 ޕަސެންޓުންނެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓަށްށް ލިބުނީ 41 ޕަސެންޓް ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު