ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަދި އިޓަލީގެ އޭސީ މިލާން މޮޅުވެއްޖެއެވެ.
ރެއާލްއިން ރޭ އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. އަދި ރޭ ކުޅުނު އަނެއް ކުއާޓާ ފައިނަލް މެޗުގައި ނަޕޯލީ ކައިރިން މިލާން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭ މިލާނުން މޮޅުވީ އަމިއްލަ ދަނޑުގައެވެ.
ލީގުގައި އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީން ރޭގެ މެޗަށް ނުކުތީ އަނިޔާއަށްފަހު އެނބުރި އައި ތިއާގޯ ސިލްވާގެ ކެޕްޓަން ކަމުގައެވެ. އެޓީމުން އެންމެފަހުން ލީގުގައި ހަތަރު މެޗުންވެސް މޮޅު ނުވެވި އޮތް އިރު، އެންމެފަހުން ވަނީ ވުލްވްސް އަތުން ބަލިވެފައެވެ. ލީގު މެޗަށް އެރޭ ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު ނެރެފައި ނުވާ އެންގޯލޯ ކަންޓޭއާއި ބެން ޗިލްވެލް މިރޭގެ މެޗުގެ ފުރަތަމަ 11 އިން ފެނިގެން ގޮސްފައިވާ އިރު، ޗެލްސީން މެޗު ފެށީ ރަނގަޅަށެވެ.
ޗެލްސީން ބޮޑަށް ޑިފެންސަށް ސަމާލުވެ ކުޅެމުން ގޮސްފައިވާ އިރު، ފުރަތަމަ ކޮޅުގައި ކައުންޓާ ފުރުސަތުތައް ހޯދިއެވެ. ޖާއޯ ފެލިކްސްއަށް ލިބުނު ތުރޫ ބޯޅައެއްގައި ޖެހި ބޯޅަ ރެއާލްގެ ގޯލްކީޕަރު ތީބޯ ކޯޓުއާ މަތަކޮށް ބޭރުކޮށްލި އިރު، އޭގެ ފަހުން ރީސް ޖޭމްސްގެ ހުރަހުގައި ރަހީމް ސްޓާލިން ޖެހި ބޯޅަވެސް ބޭރުކޮށްލީ ކޯޓުއާއެވެ.
ޗެލްސީން ފުރަތަމަ ކޮޅުގައި ނުރައްކާކޮށް ފެނުނު ނަމަވެސް، ރެއާލްއިން މަޑުމަޑުން މެޗު ތެރެއަށް ވަދެ ނުރައްކާ ކުރަން ފެށިއެވެ. ހާއްސަކޮށް ރެއާލްގެ އެޓޭކް ލައިނުގެ ނުރައްކާ މަޑުމަޑުން ދިޔައީ އިތުރުވަމުންނެވެ.
ވިނީޝިއަސް ޖޫނިއާގެ ދެ ބޯޅައެއްގައި ޗެލްސީ އޭރިއާ ތެރެއަށް ނުރައްކާ ކުރިތަން ފެނިގެން ދިޔަ އިރު، މެޗުގެ 21 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ރެއާލްއަށް ލީޑު ނަގައިދިނެވެ. މިދިޔަ އަހަރު ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ޗެލްސީއާ ރެއާލް ވާދަކުރި ދެ ލެގުގައިވެސް ހެޓްރިކް ފުރިހަމަ ކުރި ބެންޒެމާ ގޯލު ޖެހީ ވިނީޝިއަސް ޖެހި ބޯޅައެއް ޗެލްސީ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާ އަތުގައި ޖެހިފައި ނުކުތުމުން ރިބައުންސް ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
ރެއާލްއިން ފުރަތަމަ ހާފުގައި އިތުރު ހަމަލާތައް އުފެއްދި އިރު، ރޮޑްރީގޯގެ ހަމަލާ ކެޕާ ވަނީ މަތަކޮށްފައެވެ. އަދި ވިނީޝިއަސްގެ ބާރު ހަމަލާއެއް ވެސްލޭ ފޮފާނާ ވަނީ ބްލޮކްކޮށް ބޭރުކޮށްލައިފައެވެ.
ދެވަނަ ހާފު ފެށިގެން ޗެލްސީއަށް ދިމާވި އެންމެ ބޮޑު މާޔޫސްކަމަކަށްވީ 59 ވަނަ މިނެޓުގައި ޗިލްވެލްއަށް ރަތް ކާޑު ދެއްކުމެވެ. ރޮޑްރީގޯ ހުސްކޮށް އޮވެ ދުއްވައިގަތުމުން އޭރިއާ ބޭރުން ޗިލްވެލް ކުރި ފައުލަށް ރެފްރީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ.
އެހިސާބުން ޗެލްސީއަށް އުނދަގޫތައް ކުރިމަތިވި އިރު، ރެއާލްގެ ލޫކާ މޮޑްރިޗާއި ފެޑެރީކޯ ވަލްވާޑޭ ޖެހި ބޯޅަތައް ނުރައްކާކޮށް ފެނުނެވެ. އެ ދެ ހަމަލާވެސް ގޯލާ އަމާޒުނުވެ ދިޔަ އިރު، 74 ވަނަ މިނެޓުގައި ރެއާލްގެ ދެވަނަ ގޯލު ޖެހީ ބަދަލަކަށް ނުކުތް މާކޯ އަސެންސިއޯއެވެ.
ޗެލްސީގެ ފަހު ކޮޅުގައި ގޯލަކަށް އިތުރަށް މަސައްކަތް ކުރި އިރު، އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައިގައި މޭސަން މައުންޓް ފޮނުވާލި ހަމަލައި، ކުޅަދާނަ ކަމާއެކު ދިފާއުކޮށް ބްލޮކް ކުރީ 2021 ވަނަ އަހަރު ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ހޯދުމަށްފަހު މިހާރު ރެއާލްއަށް ކުޅެމުންދާ އެންޓޯނިއޯ ރުޑިގާއެވެ.
މިލާނުން ރޭ އަމިއްލަ ދަނޑުގައި ނަޕޯލީ ބަލިކުރި އިރު، އެ މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ އިސްމާއީލް ބެނާސާއެވެ. ފުރަތަމަ ހާފު ނިމިނިމި އޮއްވާ މެޗުގައި ފެނުނު ހަމައެކަނި ގޯލަށް ބޭނާސާއަށް ފުރުސަތު ފަހިކޮށްދިނީ މެޗުގައި މޮޅަށް ކުޅުނު ބްރަހަމް ޑިއާޒެވެ.
ރޭ ނަޕޯލީން މެޗަށް ނުކުތީ އަނިޔާގައި ހުރި އެޓީމުގެ ވަރުގަދަ ފޯވަޑް ވިކްޓޯ އޮސީމެން ނުލައެވެ. އެޓީމުގެ ކުރިން މާ ބޮޑު ނުރައްކަލެއް ރޭގެ މެޗުގައި ފެނިފައިނުވާ އިރު، ޖޯޖިއާގެ ކިވިޗާ ކަވަރަޓްޝޭލިއާ ފޮނުވާލި ހަމަލާ މިލާންގެ ޑިފެންސުން ވަނީ ބްލޮކް ކޮށްފައެވެ. އަދި އަންދްރޭ-ފްރޭންކް ޒަމްބޯ އަންގުއީސާއާއި ޕިއޮޓޯ ޒިއެލިންސްކީ ޖެހި ހަމަލާތައް އޭސީ މިލާންގެ ގޯލްކީޕަރު މައިކް މައިގްނަން ވަނީ މަތަކޮށްފައެވެ.
ރޭ އިޓަލީގައި ކުޅުނު މެޗުގެ ދެވަނަ ހާފުގައި ނަޕޯލީގެ އަންގުއީސާއަށް ރަތް ކާޑު ދެއްކުމާއެކު ނަޕޯލީން މެޗުގެ ފަހުބައިގައި ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. މިލާންގެ އިތުރު ފުރުސަތުތަކަށް ބަލާލައި އިރު، ސިމޮން ކިއޭ ބޮލުން ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފައެވެ. އަދި ރަފޭލް ލެއާއޯ އުފެއްދި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.
އިޓަލީ ލީގު ނެގުމުގެ މިސްރާބުގައި އޮތް ނަޕޯލީ ބަލިކޮށް، 2006-07 ވަނަ އަހަރު ސީޒަނަށްފަހު އޭސީ މިލާނުން ވަނީ ޗެމްޕިއަންސް ލީގުގެ ސެމީގެ ފުރުސަތު ބޮޑު ކޮށްފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު