ދައުލަތުގެ ތިން ބާރުގެ ވެރިން ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ދުރުވާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އިބްރާހީމް ޝާޒްގެ ކެމްޕޭނަށް މިއަދު ކ. ގުރައިދުއަށް ވަޑައިގެން ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވެންނެވުމުގެ ބަދަލުގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ އެ ވިސްނުންފުޅު ހުންނަންވާނީ ހަމައެކަނި އެމަނިކުފާނުގެ ނޫން ކަމަށާއި ދައުލަތުގެ އެހެން ބާރުތަކުން ވެސް މަސައްކަތް ކުރައްވަން ވާނީ އެ ވިސްނުމުގައި ކަމަށެވެ.

"އެއީ އުއްތަމަފަނޑިޔާރު ކަމަށް ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވިޔަސް، އަދި ސަރުކާރު ހިންގަން ހުރި ރައީސް ކަމަށް ވިޔަސް. ރައްޔިތުން އިންތިހާބު ކުރުމަށްފަހު، އެންމެ އިސް މަގާމަކަށް އައުމަށްފަހު އަޅުގަނޑުމެންގެ ކުރިމަތީގައި އެނޫން ކަމެއް އޮވެގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އެމަނިކުފާނަށް އަމާޒުކުރާ ބައެއް ކަންކަމަށް ރައްދުދޭން ބޭނުންފުޅުވިޔަސް އެކަން ނުކުރައްވަނީ އެއީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި މަސްއޫލިއްޔަތު ކަމަށް ނުވުމުން ކަމަށެވެ.

"އެ ދުވަހުވެސް އަޅުގަނޑުގެ ވިސްނުމަކީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ދުރަށްޖެހި ރައްޔިތުންނަށް އަޅުގަނޑުވީ ވައުދުތައް ފުއްދައިދިނުމަށް މަސައްކަތް ކުރުން. އަޅުގަނޑާ ދިމާލައަށް އެ އަންނަ ބައެއް ކަންތައްތަކާ ދޭތެރޭގަ ބައެއް ބޭފުޅުން ބުނެ އެއްޗެއް ނުބުނަކީ ކީއްވެގެން ހެއްޔޭ. އަޅުގަނޑުވެސް ހިތަށްއަރާ ބައެއް ފަހަރު ހަމަ ބުނަންވީއޭ. އެހެންނަމަވެސް ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ އެކަން ކުރާކަށް ނޫން" ރައީސް ވިދާޅުވިއެވެ.

ރައްޔިތުން އެމަނިކުފާނަށް ވެރިކަން ހަވާލުކުރެއްވީ ރައްޔިތުން ބޭނުންވެފައިވާ ތަރައްގީ ހާސިލުކުރަން ކަމަށާއި އެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރައްވަމުން ގެންދަވާތާ މިހާރު ހަތަރު އަހަރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހުވެސް ހުންނަވާނީ ސިޔާސީ ހަލަބޮލިކަމާ ދުރުގައި ކަމަށެވެ.