މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން ބޭނުން ނުވާ ކަމަށް އެ ޕާޓީން ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވި ފަރާތްތަކުން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައެވެ. އަދި ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންއެޕީ) އަދި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަށާއި އެމްޑީޕީގެ ކުރީގެ ރައީސް، އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އާއެކު ކޯލިޝަން ހެދުމަށް ދައުވަތުދީ ސިޓީ ފޮނުވައިފައެވެ.

އެ ދައުވަތާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ލިޑަރު އަބްދުއްރަހީމް "ވަން" އަށް ރޭ ވިދާޅުވެފައިވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ޕީޕީއެމް/ޕީއެންސީ ކުރިއަށްދާނީ ޔާމީނާ އެކު ކަމަށެވެ.

"ޕީޕީއެމްއަކީ އެންމެ ބޮޑު ޕާޓީ. މި ޕާޓީން އެހެން އެއްވެސް ބައެއްގެ ފަހަތަށް ނާރާނެ. ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަނެއްވެސް ނުހަދާނެ. އަދި ސިޓީއާ ގުޅޭގޮތުން މަޝްވަރާއެއްވެސް ނުކުރާނެ. ބައްދަލުވުމެއް ނުބާއްވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމްއެންޕީން ވަނީ މިއަދު ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ނިންމި ގޮތުގެ މައުލޫމާތު ހާމަކޮށް އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހެދުމަށް ކަމަށެވެ.

"މިހިނގާ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި، ޖުމްހޫރީ ޕާޓީ އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީއިން ސިޔާސީ ޕާޓީތަކަށް ފޮނުއްވި ދައުވަތު މޯލްޑިވްސް ނެޝަނަލް ޕާޓީއަށް 3 އޭޕްރީލް 2023 ގައި ލިބުމުން، އެ ދައުވަތު ރަގަޅަށް ކިރާ ވަޒަންކުރުމަށްފަހު މިޕާޓީއިން ނިންމާފައިވަނީ އެހެން ޕާޓީއަކުން އިސްވެ އޮންނަ ކޯލިޝަނެއްގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބައިވެރި ނުވުމަށެވެ" އެމްއެންޕީން ބުންޏެވެ.

މީގެ އިތުރުން އުމަރު "ވަން" އަށް ވިދާޅުވީ އޭނާ އެއްވެސް ސިޔާސީ ޕާޓީއެއްގެ "ފްލޯވަރަކަށް" ދެން ނުވާނެ ކަމަށާއި ކުރިއަށް ދަނީ އޭނާގެ ސިޔާސަތަކާ އެކުގައި ކަމަށެވެ. އަދި ނުކުންނަވާނީ އެކަނި ކަމަށާއި އެއްވެސް ބައެއްގެ ފަހަތަށް ނާރުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ޑރ. މުނައްވަރު "ވަން" އަށް މިރޭ ވިދާޅުވީ ރައްޔިތުން ދޫކޮށްލައި އޭނާ އެހެން އެއްވެސް ބައެއްގެ ފަހަތަށް ނާރާނެ ކަމަށެވެ.

"ރައްޔިތުންނަށް ހެޔޮ އެދިގެން މަސައްކަތް ކުރާ، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއެއް ނެތް. ރައްޔިތުން ދޫކޮށްފައި އަޅުގަނޑުމެންގެ ވިސްނުން ދޫކޮށްލާފައި އެހެން ބައެއްގެ ފަހަތަކަށް ނާރާނަން" ޑރ. މުނައްވަރު ވިދާޅުވިއެވެ.

ޖޭޕީން ކޯލިޝަން ސިޓީ ފޮނުވި ޕާޓީތަކުގެ ތެރެއިން އެކަމާ މެދު ގޮތެއް ނިންމާފައިނުވަނީ ހަމައެކަނި އެމްއާރްއެމުންނެވެ. އެޕާޓީގެ ސްޕޯކްސްޕާސަން އަބްދުއް އަލީމް "ވަން" އަށް މިރޭ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ފޮނުވި ސިޓީއާ ގުޅޭގޮތުން ގޮތެއް ނިންމާނީ މާދަމާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ރަސްމީ ގޮތުން އެ ޕާޓީން ފޮނުވި އިރު، ގާސިމްގެ މަންދޫބުންގެ ގޮތުގައި އެ ޕާޓީގެ ބޭފުޅުން ވަނީ އަދާލަތު ޕާޓީ އަދި އެމްއާރްއެމާ އެކު މީގެ ކުރިން ބައްދަލުވުމެއް ބާއްވައިފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ދެ ފެކްޝަން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭފުޅުންވެސް ވަނީ ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.