ޕީޕީއެމްއަކީ ސިޔާސީ އެންމެ ބޮޑު ޕާޓީ ކަމަށާއި އެ ޕާޓީން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ޕީއެންސީގެ ލިޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައެވެ. އަދި ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންއެޕީ) އަދި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަށާއި އެމްޑީޕީގެ ކުރީގެ ޑރ. މުހައްމަދި މުނައްވަރު އާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދިނުމަށް ނިންމައިފައެވެ.
ޖުމްހޫރީ ޕާޓީން ވަނީ މިހާރު އެ ފަރާތްތަކަށް ކޯލިޝަން ހެދުމަށް ދައުވަތުދީ ސިޓީ ފޮނުވައިފައެވެ.
އެކަމާ ގުޅިގެން އަބްދުއްރަހީމް "ވަން" އަށް މިރޭ ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ޕީޕީއެމް/ޕީއެންސީ ކުރިއަށްދާނީ ޔާމީނާ އެކު ކަމަށެވެ.
"ޕީޕީއެމްއަކީ އެންމެ ބޮޑު ޕާޓީ. މި ޕާޓީން އެހެން އެއްވެސް ބައެއްގެ ފަހަތަށް ނާރާނެ. ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަނެއްވެސް ނުހަދާނެ. އަދި ސިޓީއާ ގުޅޭގޮތުން މަޝްވަރާއެއްވެސް ނުކުރާނެ. ބައްދަލުވުމެއް ނުބާއްވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްއެންޕީގެ ސްޕޯކްސްޕާސަން، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު "ވަން" އަށް މިރޭ ވިދާޅުވީ ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމާ ގުޅޭގޮތުން ފޮނުވި ސިޓީ ލިބިފައިވާ ކަމަށެވެ. ޝިދާތާ ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާކުރުމުގެ ކުރިން މާދާމާގެ ވަގުތެއްގައި އެމްއެންޕީގެ އިސް ބޭފުޅުން އެކަމާ ގުޅޭގޮތުން ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ކޯޅިޝަން ހެދުމަށް މަޝްވަރާކުރުމާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު