އާޖެންޓީނާގެ ކެޕްޓަން، ޕީއެސްޖީގެ ތަރި ލިއޮނަލް މެސީ އަލުން ބާސެލޯނާއަށް ގެންދަން ރަސްމީކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބާސާގެ ނައިބު ރައީސް ރަފޭލް ޔުސްޓޭ ވިދާޅުވެއްޖެއެވެ.
އުމުރުން 35 އަހަރުގެ މެސީއަކީ ބާސާގެ ލެޖެންޑެކެވެ. މެސީ ބާސާއާ ވަކިވެދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. 2004ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށްވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލު ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބު ކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލައިލައިފައެވެ. މެސީއަކީ ބާސާ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.
މެސީ ބާސާ ދޫކޮށްލީ 2021 ވަނަ އަހަރުއެވެ. ބާސާގެ ފައިސާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މެސީގެ އެއްބަސްވުން އާ ކުރެވޭނެ މަގެއް ނުފެނިގެން ހިލޭ ޓްރާންސްފާއެއްގައި އޭނާ ބަދަލުވީ ޕީއެސްޖީއަށެވެ. ޕީއެސްޖީއަށް މެސީ ސޮއިކުރީ ދެ ސީޒަނުގެ އެއްބަސްވުމެއްގައެވެ.
އެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތްއިރު، ޕީއެސްޖީން ދަނީ މެސީގެ އެއްބަސްވުން އާކުރަން މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް އެއްބަސްވުން އާކުރާނެކަމުގެ ޔަގީންކަން ދީފައެއް ނުވެއެވެ.
"މެސީއާއި އާއިލާއަށްވެސް އެނގޭނެ އަހަރެން މެސީއަށް ލޯބިކުރާވަރު. މެސީއަށް އެނގޭނެ ބާސާއިން އޭނާއަށް ކުރާ އިހުތިރާމް. އަހަރެން އަބަދުވެސް ބޭނުންވޭ މެސީ ބާސާއަށް ގެންނަން. އަހަރެމެން މެސީއާ ކޮންޓެކްޓް ކުރަމުން މިދަނީވެސް. މެސީގެ ޓީމާ ވާހަކަ އެބަދެކެވޭ،" ޔުސްޓޭ ވިދާޅުވިއެވެ.
އާޖެންޓީނާ އާއެކު މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މެސީ، މިހާތަނަށް ޕީއެސްޖީއަށް ކުޅުނު 66 މެޗުން 29 ގޯލު ޖަހައިދީފައިވެއެވެ. މެސީ ކުރިން ބާސާގައި މަޑުކުރުވަން މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން ޔުސްޓޭ ވިދާޅުވީ، މެސީއަށް އިތުރު ގޮތެއް ހޯދައިނުދެވުނީތީ އެކަމުގެ މާޔޫސްކަން އަދިވެސް ހިތުގައި އެބަ އޮތް ކަމަށެވެ. އަދި އޭރު މަޝްވަރާތަކަށް ވެގެންދިޔަ ގޮތުން ގޮތް ހުސްވި ކަމަށްވެސް ޔުސްޓޭ ވިދާޅުވިއެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ