Close
އިނގިރޭސި ޕްރިމިއާ ލީގު

އެންރިކޭ މަޑުކުރަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކަށް

ކުރިން ބާސެލޯނާ އަދި ސްޕެއިންގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދިން ލުއިސް އެންރިކޭ މަޑުކޮށްގެން ހުރީ ޕްރިމިއާ ލީގުގެ ފުރުސަތަކަށް ކަމަށް އޭނާ ބުނެފިއެވެ.

ކުރިން ބާސެލޯނާއާއި ރެއާލް މެޑްރިޑް، އަދި ސްޕެއިން ގައުމީ ޓީމަށް ކުޅުމަށްފަހު ކޯޗު ކަމަށް ނުކުތް އެންރިކޭއަކީ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ބާސާ އާއެކު ލީގާއި ޗެމްޕިއަންސް ލީގުވެސް ކޯޗެއްގެ ގޮތުގައި ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވެ، ނޭޝަންސް ލީގުގެ ފައިނަލަށްވެސް އެންރިކާ ވަނީ ޓީމު ގެންގޮސްފައެވެ.

އެންރިކޭ، ސްޕެއިންގެ ގައުމީ ޓީމު ނެގުމުގައި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ އޭނާއަށް ފާޑުކިޔުން އަމާޒުވެ، އެންމެފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށްފަހު އޭނާ ގައުމީ ޓީމުން ދުރުކުރިއެވެ. ސްޕެއިން ވޯލްޑް ކަޕް ގަދަ 16 އިން ކެޓީ މޮރޮކޯ އަތުން ބަލިވެގެންނެވެ. އޭގެ ފަހުން އެންރިކޭ ހުރީ އެއްވެސް ކްލަބެއް އަދި ގައުމީ ޓީމެއްގެވެސް ކޯޗުކަމާ ހަވާލުނުވެއެވެ.

އެންރިކޭ ހޯދަން ޕްރިމިއާ ލީގުގެ ޓޮޓެންހަމުން މަސައްކަތް ކުރާ ކަމަށް ބައެއް ނޫސްތައް ބުނެފައިވާ އިރު، މީޑިއާއަށް ވާހަކަދައްކަމުން އޭނާ ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި މަސައްކަތް ކުރަމުން ބޭނުންވާ ކަމަށެވެ.

"އިނގިރޭސިވިލާތުގައި މަސައްކަތް ކުރަން ބޭނުންވޭ. ޕްރިމިއާ ލީގުގައިވެސް މަސައްކަތް ކުރަން ބޭނުންވޭ. ނަމަވެސް ޖުލައި މަހު ކްލަބަކަށް ދާކަށް ބޭނުމެއް ނޫން. އެއީ ސީޒަނުގެ މިހާ ހިސާބުން ކްލަބަކާ ހަވާލުވެ، ޓީމަށް ފައިދާ ކުރާނެ މުހިންމު މަސައްކަތްތަކެއް ނުކުރެވޭނެތީ. އަދި އަހަރެން ކޮންމެ ކޮންމެ ޓީމަކަށްވެސް ދާން ބޭނުމެއް ނޫން،" އެންރިކޭ ބުންޏެވެ.

އެންރިކޭ އިތުރަށް ބުނީ އިނގިރޭސި ލީގުގެ ހަބަރުތައްވެސް ވަރަށް ގާތުން މިހާރު ބަލަމުންދާ ކަމަށާއި އޭނާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައްވެސް ފެނިފައިވާ ކަމަށެވެ. ނަމަވެސް އަވަސް އަރުވާލައިގެން ކްލަބެއްގެ ކޯޗުކަމާ ހަވާލުވާން އަދި ހިޔާލު ނުކުރާ ކަމަށް ބުންޏެވެ.