އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ނިންމީ އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރެވޭ އަދި އެމްޑީޕީއަށް ބަސް ބުނެވޭނެ ވެރިކަމެއް ގާއިމުކުރަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ނަޝީދުގެ ފަރާތުން ހަސަން ލަތީފު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަނީ ޖުމްހޫރީ ޕާޓީގެ ލިޑާޝިޕާ މިރޭ ބައްދަލުކުރައްވައިފައެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން، ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސެއިން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދެވެ.
ކުނޫޒުގައި ބޭއްވި އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ހަސަން ލަތީފު ވިދާޅުވީ ނަޝީދު މަސައްކަތް ކުރައްވަނީ އެމްޑީޕީއަށް ހެޔޮގޮތް ހޯއްދަވައިދެއްވުމަށް ކަމަށާއި އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީއަށް ބަސް ބުނެވޭނެ ވެރިކަމެއް ގެނައުމަށް ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ޖުމްހޫރީ ޕާޓީއާ އެކީގަ، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ވާދަކުރައްވައިގެން، އެމްޑީޕީން ތާއިދުކުރުން އެއީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތްކަމަށް ވިސްނޭތީ. ދެން އުފެދޭ ސަރުކާރެއްގައި އެމްޑީޕީގެ ހިއްސާއެއް އޮވެގެން އެމްޑީޕީއަށް ބަސްބުނެވި އެމްޑީޕީގެ އަސާސްތައް ހިފެހެއްޓޭނެ ގޮތަކަށް ސަރުކާރު އޮތުން. އެއީ އެމްޑީޕީއަށް އެންމެ މުހިންމު ބޭނުންތެރި ކަމަކީ،" ހަސަން ލަތީފު ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަނީ އަލަކަށް ނޫން ކަމަށާއި މީގެ ކުރިންވެސް ދެ ޕާޓީ ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އެކުގައި މަސައްކަތްކޮށް ރަސްމީ ބައްދަލުވުންތައް މިހާރު ބާއްވަމުން ދިޔަޔަސް، ދެ ޕާޓީން ގުޅިގެން އެއްކޮށް މަސައްކަތް ކުރަން ނިންމާފައިވާކަން ރަސްމީކޮށް ހާމަކުރާނީ އަދި ފަހުން ކަމަށެވެ.
މިހާރު ކުރަމުންދާ މަސައްކަތަކީ މެނިފެސްޓޯ އެކުލަވާލުމަށް ކުރަންޖެހޭ ކަންކަމާއި ރިޔާސީ އިންތިހާބުގައި ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި ކަންތަކާ ގުޅޭގޮތުން ކަމަށެވެ.