ޚަބަރު

މި ސަރުކާރު ގެނައުމަށް ޝިފާޒަށްވުރެ ބޮޑަށް ގުރުބާންވި މީހަކު ނުހުންނާނެ: ނަޝީދު

މުހައްމަދު އިޝާން

މި ސަރުކާރަށް ގެނައުމަށް އެންމެ ބޮޑު ގުރުބާނެއްވި މީހަކީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޝިއްޕެއަށް ތައުރީފުކުރައްވައި ނަޝީދު މިއަދު ޓްވީޓެއް ކުރައްވާފައި މިވަނީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން މިއަދު އޭނާ ވަކިކުރުމުންނެވެ. އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ އިރު، ޝިއްޕެއަކީ ނަޝީދުގެ ފެކްޝަންހެ ބޭފުޅެކެވެ.

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން ޝިއްޕެ ވަކިކުރެއްވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ މަގާމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދުު (އިބުރޭ) މިއަދު އައްޔަން ކުރައްވައިފިއެވެ. ޝިއްޕެ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ 2019 ވަނަ އަހަރުއެވެ.

ނަޝީދު، ޝިއްޕެއަށް ހިއްވަރުދެއްވައި މިއަދުކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަގާމުން ވަކިކުރީތީ ކަންބޮޑުނުވުމަށެވެ.

"ޝިފާޒުއަށް ވުރެ ބޮޑަށް މި ސަރުކާރު ގެނައުމަށް ގުރުބާންވީ ވަކި އެހެން މީހެއް ނުހުންނާނެ. ﷲ އިރާދަފުޅުން މުސްތަގުބަލް އޮތީ އުޖާލާކޮށް" ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މިދިޔަ އާދިއްތަ ދުވަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން އަމްރު ވެސް ވަކިކުރައްވައިފައެވެ. އަމްރަކީވެސް ނަޝީދަށް ތާއިދުކުރައްވާ ބޭފުޅެކެވެ.