ޚަބަރު

ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލައިގައި ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން ސިއްރު

އިބްރާހިމް ޒަކީ

މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރި މުޒާހަރާގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވައި، ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އޭނާ އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުމުން، ރައީސްގެ މޮޓީކޭޑަށް ހުރަސް އެޅި މައްސަލައިގެ އިތުރުން އެފަދަ މުޒާހަރާއެއްގެ ތެރެއަށް މޮޓޯކޭޑް ވަންނަން ޖެހުނު ސަބަބު ހޯދަން އެކަމުގައި ސިފައިންނާއި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެހެންކަމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ އެކަމާ ގުޅޭ ގޮތުން އޮޅުން ފިލުވަންޖެހޭ ކަންކަން އޮޅުން ފިލުވަން އެ ކޮމިޓީގެ ފަރާތުން ފުލުހުންނާއި ސިފައިންނަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ ދެ ފަރާތުން ކޮމިޓީއަށް ފޮނުވި މައުލޫމާތުތަކާ ގުޅޭ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ، ކޮމިޓީން އެދިފައިވާ ގޮތަށް އެ ދެ ފަރާތުން ސިޓީއަކުން މައުލޫމާތު ކޮމިޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް ސިފައިން ފޮނުވި ސިޓީގައި ސިއްރު ޖަހާފައި އޮތް ނަމަވެސް ފުލުހުންގެ ފަރާތުން ފޮނުވި މައުލޫމާތުގެ ސިޓީގައި ސިއްރު ޖަހާފައިނުވާ ކަމަށް ވިދާޅުވިއެވެ.

އެހެންވެ، ކޮމިޓީގެ ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމާމެދު ކޮމިޓީގެ މެންބަރުން ގޮތެއް ނިންމައިދިނުމަށް އަސްލަމް އެދިވަޑައިގެންނެވިއެވެ.

އަސްލަމްގެ އެދިވަޑައިގަތުމާ ގުޅިގެން، ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްދެއްވުމަށް އެދި ކޮމިޓީގެ މެމްބަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމު ހުށަހެޅުއްވިއެވެ. އޭނާ ވިދާޅުވީ މި މައްސަލައަކީ ރައީސްގެ ސެކިއުރިޓީއާ ގުޅުންހުރި ކަމަކަށްވާތީ، އެކަމުގެ ތަފުސީލުތަކެއް ހިމެނޭތީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް ހުށަހަޅާ ކަމަށެވެެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.