އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއިދާ ނުލައިވެސް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ވަނީ އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ އަދި އެމްޑީއޭގެ އިސްވެރިންނާ މުލިއާގޭގައި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ފައްޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ ދެ މީހުންނަށް އެއް ފަހަރަކާ ވެރިކަން ނުކުރެވޭނެ ކަމަށާއި އެންމެން އެދޭ ހުރިހާ ކަމެއް ހާސިލުވެސް ނުކުރެވޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ނަޝީދުގެ ތާއިދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ނަމަވެސް ނަޝީދުގެ ތާއިދު ނުލިބުނަސް އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ،
"އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑަށް ބޭނުން ރައީސް ނަޝީދުގެ ތާއިދު އިނގޭތޯ. ހަމަ ވަރަށް ބޮޑަށް ބޭނުން. އެހެންނަމަވެސް އެ ނުލިބިއްޖެކަމަށްވިޔަސް އިރާދަފުޅު ކުރެއްވިއްޔާ އަޅުގަނޑުމެން ގޮސް ކާމިޔާބު ކުރާނަން،" ފައްޔާޒު ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށް ނަޝީދު ތާއިދުކުރައްވާނެ ކަމަށް އެ މަނިކުފާނުގެ އަރިސް ބޭފުޅެއްކަމަށްވާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ "ވަން" އަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ މެމްބަރުން އެ ޕާޓީން ކަނޑައަޅާފައިވާ ރިޔާސީ ކެންޑިޑޭޓަށް ތާއިދުކުރަން ޖެހެއެވެ.
އަސާސީ ގަވާއިދާ ހިލާފަށް ނަޝީދު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއިދުކުރައްވައިފިނަމަ ފިޔަވަޅު އަޅުވާނަންތޯ "ވަން" އިން ފައްޔާޒާ ސުވާލުކުރުމުން ވިދާޅުވީ، އަސާސީ ގަވާއިދާ ހިލާފަށް ނަޝީދު މަސައްކަތް ކުރައްވައި ވާހަކަތައް ދެއްކެވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް ނަޝީދަށް ފިޔަވަޅު އެޅުމާމެދު ވިސްނަމުންނުދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މި ޕާޓީގެ ފުލް ކޮންޓްރޯލް އެބައޮތް. އަޅުގަނޑުމެން ގުޑުގުޑު ނާރާ. އަޅުގަނޑުމެން ފިޔަވަޅު އަޅައިގަނެއް ނޫން އަޅުގަނޑުމެން ޕާޓީގަވެސް ކަންކަން މިކުރަނީ. އަދި އަޅުގަނޑުމެންގެ ސަރުކާރުގެ ކަންކަންވެސް މިކުރަނީ. އެއީ އެއަށްވުރެ އަޅުގަނޑުމެން ސްޓޮރޯންގް. އަޅުގަނޑުމެން މި ސަރުކާރު ހިންގަން ބޭނުންވާ ކަންކަން އެބަ ކުރެވޭ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ "ނަޝީދަށް ދަންނަވާލަން ބޭނުންވަނީ އެމްޑީޕީ މިދަނީ އަނެއްކާވެސް ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށް ރާއްޖޭގައި މިހާރު މިއޮތް އަމާންކަން ދަމަހައްޓަން" ކަމަށެވެ.