މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ތާއިދުކުރައްވަންވީ ކަމަށާއި ކުރިއަށްދާން ބޭނުންވަނީ އެންމެންގެ ތާއީދާއެކު ކަމަށް ޖޭޕީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށްް އެކުލަވާލާ މެނިފެސްޓޯގައި ދީނީ ކަންކަން އެކުލަަވާލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގާސިމް މިއަދު ވަނީ ޖަމިއްޔަތުލް ސަލަފުއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމަށްފަހު "ވަން" އަށް މައުލޫމާތުދެއްވަމުން ގާސިމް ވިދާޅުވީ ކޮންމެ ބޭފުޅެއް ކަމުގައިވިޔަސް، ޖޭޕީއަށް ތާއިދުކުރާ ނަމަ، އެބޭފުޅަކާއެކު ކުރިއަށްދާނެ ކަމަށެވެ.
"ކޮންމެ މީހަކު އަޅުގަނޑުމެންނަށް ތާއީދުކުރިޔަސް މައްސަލައެއް ނެތް. ރައީސް ނަޝީދެއް، އެހެން ބޭފުޅެއް ނޯންނާނެ. ކޮންމެ ބޭފުޅެއްވެސް އަޅުގަނޑުމެން ބަލައިގަންނަނާން. ކޮބައިތޯ މައްސަލައަކީ ރައީސް ނަޝީދުގެ. މި ދެންނެވީ އަޅުގަނޑުމެން ދާނީ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން އަޅުގަނޑުމެންނަށް ހުއްދަކުރާ ހުރިހާ ކަމެއް އޭގެ ތެރޭގައި އީސްލާމްދީންވެސް ވަދެގެންދާނެ. އެގޮތަށް ހުއްދަކުރާ ހުރިހާ ފަރާތްތަކާއެކު، އެބައެއްގެ ތާއީދާ އެއްކޮށް" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކީ އޭނާ ކަމަށް ނުވެ ހިނގައިދާނެ ކަމަށެވެ.
ނަޝީދުއާ ގުޅޭގޮތުން ގާސިމް އެފަދައިން ވާހަކަ ދެއްކެވި އިރު، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދު ތާއިދުކުރައްވާނީ ގާސިމަށް ކަމަށް ނަޝީދުގެ ފެކްޝަނުގެ އަރިސް ބޭފުޅެއް ކަމަށްވާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ ވިދާޅުވެފައެވެ.
މިދިޔަ ބުދަ ދުވަހު އިންތި "ވަން" އަށް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ނަޝީދު، ގާސިމަށް ތާއިދުކުރައްވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ނަޝީދުވެސް ވަނީ ގާސިމަށް ތާއިދުކުރައްވާކަން ހާމަވާފަދަ މޭރުމަކުން އެކިފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު