ޔޫއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލް ކަޓުވާލައި ރެއާލް ކުއާޓާއަށް، ބޮޑު މޮޅަކާއެކު ނަޕޯލީވެސް ކުއާޓާއަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައިވެސް ލިވަޕޫލް ބަލިކޮށް ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލްގެ ފުރުސަތު ޔަގީންކުރި އިރު، ފްރޭންކްފާޓް ކައިރިން ދެވަނަ މެޗުންވެސް ބޮޑު މޮޅެއް ހޯދައި ނަޕޯލީންވެސް ކުއާޓާ ޔަގީން ކޮށްފިއެވެ.

ރޭ ރެއާލްއިން އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ކުއާޓާ ޔަގީންކުރީ ދެ ލެގުން އެގްރިގޭޓް 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަނެއްކޮޅުން ނަޕޯލީ ކުއާޓާ ޔަގީންކުރީ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި 3-0 އިން ޖަރުމަނުގެ ފްރޭންކްފާޓް ބަލިކޮށްގެންނެވެ. ނަޕޯލީން ވަނީ ދެ ލެގު 5-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.

ރެއާލް ދަނޑަށް ރޭ ލިވަޕޫލުން ނުކުތީވެސް 5-2ގެ ނަތީޖާއެއް އަނބުރާލަން ޖެހިފައި އޮވެގެންނެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލްއިން ތަފާތު ދައްކައި ނަތީޖާ ނެރެފައި އޮތުމުން ލިވަޕޫލަށް މިރޭގެ މެޗު އުނދަގޫވާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. ނަތީޖާ އަނބުރާލުމަށް ގޯލުތަކެއް ޖަހަން ޖެހިފައި އޮތް ލިވަޕޫލަށް މެޗުގެ ކުރިން އިތުރު މާޔޫސް ކަމެއް ގެނުވީ އަނިޔާގެ މައްސަލަތަކެއްގެ ސަބަބުންނެވެ.

ސީޒަނުގެ ބޮޑު ބައެއްގައި އަނިޔާގައި ހުރި ތިއާގޯ އަލްކަންޓާރާ އަދިވެސް ފިޓްވެފައި ނުވާ އިރު، މިދިޔަ ހަފުތާ ލީގު މެޗުގައި ކެޕްޓަން ޖޯޑަން ހެންޑަސަންއާއި ސްޓެފަން ބަސެޓިޗަށް އަނިޔާވެ، ރޭގެ މެޗުގައި އޭނާވެސް ފެނިފައެއް ނުވެއެވެ.

ޖޭމްސް މިލްނާގެ ކެޕްޓަން ކަމުގައި މެޗަށް ނުކުތް ލިވަޕޫލަށް ފުރަތަމަ ހާފުގައި އެކަށީގެންވާ ގޮތެއްގައި ރެއާލްއަށް ނުރައްކާ ކުރެވިފައި ނުވާ އިރު، ރެއާލްއިން ވަނީ ކުރިއަށް ޖެހި ނުރައްކާ ކޮށްފައެވެ. ކޯނަރެއްގައި ވިނީޝިއަސް ޖޫނިއާ ޖެހި ބޯޅަ ރެއާލްގެ ގޯލްކީޕަރު އެލިސަން ބެކާ މަތަކޮށް ބޭރުކޮށްލި އިރު، ލޫކާ މޮޑްރިޗް ޖެހި ބޯޅަ ދިޔައީ މާ މަތިންނެވެ. އަދި އެޑުއާޑޯ ކަމަވިންގާގެ ހަމަލާ އަމާޒުވީ ދަނޑިއަށެވެ.

ދެވަނަ ހާފަށް ނުކުމެވެސް ރަނގަޅަށް ކުޅެމުން ދިޔަ ރެއާލްއަށް މެޗުގައި ހަމައެކަނި ގޯލު ޖަހައިދިނީ ކަރިމް ބެންޒެމާއެވެ. އޭނާ މެޗުގެ 78 ވަނަ މިނެޓުގައި ގޯލު ޖެހީ ވިނީޝިއަސްގެ މަސައްކަތުން ހޯދި ބޯޅައިގައި އޭނާ ދިން ޕާހެއްގައެވެ.

މެޗުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ލިވަޕޫލްގެ ޑިފެންޑަރު ކޮންސްޓެންޓީނޯސް ސިމިކަސް އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުނު ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ ޕެނަލްޓީއެއް ނުދިނުމަށެވެ.

ރޭ ނަޕޯލީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ ދެ ގޯލުގެ ތެރެއިން ތިން ގޯލު ޖަހައިދިނީ މިވަގުތު ފޯމުގައި ހުރި ފޯވަޑް ވިކްޓާ އޮސިމްހެންނެވެ. އޭނާގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފެނުނު އިރު، ދެވަނަ ހާފު ފެށިގެން ހަތް މިނެޓް ހިނގިތަނާ ދެވަނަ ގޯލުވެސް ޖެހިއެވެ.

އޮސިމްހެން ވަނީ މިހާތަނަށް މި ސީޒަނުގައި ކުޅުނު 28 މެޗުގައި 23 ގޯލު ޖަހައިފައިވެއެވެ. ނަޕޯލީން ލީގުގައިވެސް މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ.

ނަޕޯލީން ރޭގެ މެޗުގައި ޖެހި ތިންވަނަ ގޯލަކީ ޕެނަލްޓީއެއްގައި ޕީޓޯ ޒިއެލިންސްކީ ޖެހި ގޯލެކެވެ.