ދިވެހި ރާއްޖޭގެ ގައުމީ ޓީމުން ޕާކިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗު، ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭ ގޮތަށް ނިންމައިފިއެވެ.
މިމަހުގެ 21 ވަނަ ދުވަހު ކުޅެން އޮތް އެކުވެރިކަމުގެ މެޗު ގަމުގައި ކުޅޭ ގޮތަށް ނިންމާފައިވާ ކަމަށް މިއަދު އިއުލާނު ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ބައްސާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގަމުގައި ގައުމީ ޓީމުގެ އެކުވެރިކަމުގެ މެޗު ކުޅުމަށް ނިންމަވާފައި ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އެދިލެއްވުމަކަށް ކަމަށެވެ.
ރާއްޖެއިން މިއަހަރުގެ ފުރަތަމަ އެކުވެރިކަމުގެ މެޗަށް ތައްޔާރުވަމުންދާ އިރު، މެޗު ކުޅެން ތައްޔާރުވެފައި ވަނީ ފީފާ އިންޓަނޭޝަނަލް ބްރޭކްގައެވެ. އެހެންކަމުން އެ މެޗަކީ ފީފާ ރޭންކިންގައި ގުނާނެ މެޗަކަށްވާނެއެވެ.
ޕާކިސްތާނުން އެކުވެރިކަމުގެ މެޗަކަށް ތައިލެންޑާއި ރާއްޖޭގެ އިތުރުން ބޫޓާނާވެސް ވާހަކަ ދައްކާފައިވާ އިރު، އެގައުމުން ރާއްޖޭގައި ކުޅޭ އެކުވެރިކަމުގެ މެޗު ވެގެންދާނީ ފީފާ ސަސްޕެންޝަނަށްފަހު ކުޅޭ ދެވަނަ އެކުވެރިކަމުގެ މެޗަށެވެ. ޕާކިސްތާނު ފީފާގެ ސަސްޕެންޝަނެއްގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު، ސަސްޕެންޝަނުން ސަލާމަތްވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އެގައުމުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ނޭޕާލް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
ރާއްޖެއިން އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ވާދަކުރީ ސިންގަޕޫރާ ދެކޮޅަށެވެ. އެ މެޗުގައި 3-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެފައިވާ އިރު، އޭގެ ކުރިން މެލޭޝިއާ ކައިރިންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. ރާއްޖެއިން މިދިޔަ އަހަރު ތެރޭގައި އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެފައިވާ އިރު، ލާއޯސް އާއި ބުރުނާއީ ކައިރިން ރާއްޖެ ވަނީ މޮޅުވެފައެވެ.
ކުރިއަށް އޮތް އެކުވެރިކަމުގެ މެޗު ކުޅޭ ގަމު ޒޯން ސްޓޭޑިއަމްއަކީ 2020 ވަނަ އަހަރު ހުޅުވި ސްޓޭޑިއަމްއެކެވެ. ފީފާ ސްޓޭންޑާޑަށް ތައްޔާރުކޮށްފައިވާ ގަމު ސްޓޭޑިއަމްގައި މީގެ ކުރިން ވަނީ އޭއެފްސީ ކަޕްގެ މެޗުތަކެއްވެސް ހޯސްޓް ކުރުމަށް މަސައްކަތް ކޮށްފައެވެ.