ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާއި ބަންގްލަދޭޝްގެ ޒުވާން ޓީމު 1-1 އިން އެއްވަރުވެއްޖެއެވެ.

މިރޭގެ މެޗަށް ރާއްޖޭން ނުކުތީ ފުރަތަމަ ކުޅުނު ދެމެޗުންވެސް ބަލިވެ، މުބާރާތުން ކަޓާފައި އޮވެގެންނެވެ. ފުރަތަމަ ކުޅުނު މެޗުގައި އަފްގާނިސްތާން ކައިރިން 1-0 އިން ރާއްޖެ ބަލިވި އިރު، ދެން ކުޅުނު މެޗުގައި ޕާކިސްތާން ކައިރިން ބަލިވީ 3-0 އިންނެވެ. އަނެއްކޮޅުން ބަންގްލަދޭޝްއިން މެޗަށް ނުކުތީ ޕާކިސްތާނާއި އަފްގާނިސްތާން ކައިރިންވެސް 0-0 އިން އެއްވަރު ކޮށްފައި އޮވެގެންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ތިން ޕޮއިންޓާއެކު ފައިނަލަށް ދާން ބަންގްލަދޭޝްއަށް ފުރުސަތު އޮތެވެ.

ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމުން މުބާރާތުގައި ކުޅެމުންދާ އިރު، މި މެޗުގެ ކުރިން އެންމެފަހުން ދެގައުމު ކުރިމަތިލީ 2024 ވަނަ އަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ކުޅުނު އެކުވެރިކަމުގެ ދެމެޗެއްގައެވެ. އެދެމެޗުގެ ތެރެއިން އެއް މެޗުން ރާއްޖެ ވަނި 1-0 އިން މޮޅުވެފައެވެ. އަދި އަނެއް މެޗުން ރާއްޖެ ބަލިވީ 2-1 އިންނެވެ. އޭރު ދެމެޗުވެސް ބަންގްލަދޭޝްގައި ކުޅުނީ ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު ވަރުގަދަކޮށް ފެށީ އެޓީމުންނެވެ. ކުރީކޮޅުގައި ރާއްޖޭގެ އޭރިއާ ތެރެއަށް ނުރައްކާ ކޮށް، ފުރަތަމަ ފަސް ވަރަކަށް މިނެޓް ތެރޭގައިވެސް ރަނގަޅު ދެ ފުރުސަތު ތަނަވަސްކުރިއެވެ.

މެދުތެރެއިން ކުޅެމުންދިޔަ ނަޒްމުން ހުދާ ފޭސަލްއާއި ސޯރޫ ދޭވަންއަށް ލިބުނު ފުރުސަތުތަކުގައި ބޭނުން ނުހިފި ދިޔަ އިރު، މެޗުގެ ލީޑު ނެގީ ރާއްޖޭންނެވެ. އެއީ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައެވެ. ރާއްޖޭން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގައި ޕެނަލްޓީ ލިބުނީ މެދުތެރެއިން އަހުމަދު އައިހަމް (ފަތޯ) ހުސްކޮށްލާފައި ދިން ބޯޅައެއްގައި އަބްދުﷲ ލޫތު އިބްރާހީމް ދެމިގަތުމުން ބަންގްލަދޭޝް ޑިފެންޑަރު ފައުލް ކުރުމާއެކުގައެވެ.

ޕެނަލްޓީގައި ރާއްޖެއަށް ލީޑު ނަގައިދިނީ އަލީ ފާސިރު (ސެންޓޭ)އެވެ. ސެންޓޭ ކެޕްޓަން ބޭންޑްގައި މެޗު ފަށާފައިވާ އިރު، އޭނާއާއެކު ދެން ކުރިން ފެނުނީ މުހައްމަދު އިލާން އިމްރާނެވެ.

ހާފުގެ ބާކީ ބައިގައި ރާއްޖެއަށް ކުރިއަށް ރަނގަޅު ޕާސްތަކެއް ޖަހަން އުނދަގޫވެފައިވާ އިރު، ހާފު ނިމެން ދަނިކޮށް އަނެއްކާވެސް ބަންގްލަދޭޝްއިން ނުރައްކާކުރިއެވެ. ކެޕްޓަން އެމްޑީ މަނިކް ހޮސައިން މުއްލާ މެދުތެރެއިން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ކުޑަ ތަންކޮޅެއް މަތިންނެވެ. އަދި އަރިމަތުން މިރާޖުލް އިސްލާމަށް ލިބުނު ފުރުސަތުގައި އޭނާއަށް ބޭނުމެއް ނުހިފުނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ބަންގްލަދޭޝްއިން އެއްވަރުކުރިއެވެ. އެއީ 54 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އޭރިއާ ތެރެއިން ރާއްޖޭގެ ކުޅުންތެރިޔާ އަތުގައި ޖެހުނު ކަމަށް ނިންމާ ރެފްރީ ދިން ޕެނަލްޓީ ގޯލަށް ވައްދާލީ މިރާޖުލް އިސްލާމެވެ.

އޭގެފަހުން ރާއްޖޭން ނުރައްކާ ކުރަން ބަންގްލަދޭޝްއިން މާބޮޑު ފުރުސަތެއް ދީފައެއް ނުވެއެވެ. އެޓީމުން ދިޔައީ ކުރިއަށް ޖައްސާލައިގެން މެޗު ޑޮމިނޭޓް ކުރަމުންނެވެ.

މެދުތެރެއިން ރަނގަޅު ޕާސްތަކެއް ނުދެވި ބަންގްލަދޭޝްއާއި ރާއްޖެއަށް ފުރުސަތުތައް މަދުން ފެނިގެން ދިޔަ އިރު، ކައުންޓާގައި ދެ ފަހަރަށް ރާއްޖޭން ރަނގަޅު ޖާގައެއް ހޯދިއެވެ. ބަދަލަކަށް ނުކުތް ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު އައިހަމް (އައިހު) އާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަށް އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން ލިބުނު ދެ ފުރުސަތުވެސް ބޭނުން ކުރެވިފައެއް ނުވެއެވެ.

އޭގެފަހުން 90 ވަނަ މިނެޓުގައި ފޭދޫ އިއްބެއަށް ފަތޯ ހުސްކޮށްލާފައި ދިން ބޯޅައިގައި އޭނާ ފޮނުވާލި ބާރު ހަމަލާ މަތަކުރީ ކީޕަރު އެމްޑީ މެހެދީ ހަސަން ސްރަބޯންއެވެ.

މެޗުގެ ފަހު ވަގުތުކޮޅު ހޫނުވެގެން ދިޔައެވެ. ބަންގްލަދޭޝްގެ ބެންޗުން މިރަޖުލްއަށް ރަތް ކާޑު ދެއްކި އިރު، ބަންގްލަދޭޝްގެ އަލް އަމީނަށްވެސް ރަތެއް ދެއްކިއެވެ. އަދި އޭގެފަހުން ބަންގްލަދޭޝް ގޯލް ކައިރިން ހިނގާ ދިޔަ ކަންތައްތަކެއްގައި ދެޓީމުގެ ކުޅުންތެރިން ހޫނުވެ، ބައެއް ހަމަލާތައް ދިންތަން ފެނުނެވެ. އަދި ބޭރުން ބައެއް ސަޕޯޓަރުން އަރައި ހަމަލާ ދޭން އުޅުނުތަންވެސް ފެނުނެވެ. އެވަގުތު ދެޓީމުގެ ބެންޗުންވެސް ވަނީ އަރައިގަނެފައެވެ.

މިރޭގެ ނަތީޖާއާއެކު ދެވަނައިގައި އަފްގާނިސްތާން ފައިނަލަށް ދިޔައީ ދެމެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ބަންގްލަދޭޝް ތިންވަނައިގައި ނިންމާލީ ތިން މެޗުވެސް އެއްވަރުވެ، ތިން ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ޕާކިސްތާން ފައިނަލް ޔަގީންކުރީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ރާއްޖެ ފުލުގައި ނިންމާލީ ތިން މެޗުން އެންމެ ޕޮއިންޓަކާއެކުގައެވެ.