ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގައި ހޯސްޓް ގައުމު ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި ޕާކިސްތާން ކައިރިންވެސް ތަފާތު ބޮޑުކޮށް ބަލިވެ، ރާއްޖެއަށް ފައިނަލަށް ނުދެވި ކަޓައިފިއެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝްއާއި ޕާކިސްތާން އަދި އަފްގާނިސްތާނެވެ. ރާއްޖޭން މިއަދު ނުކުތީ މޮޅުވާން މަޖުބޫރު މެޗަކަށެވެ. އެއީ ފުރަތަމަ މެޗުގައި އަފްގާނިސްތާން ކައިރިން ބަލިވެފައި އޮތުމުންނެވެ. ރާއްޖޭން ފުރަތަމަ މެޗުގައި އަފްގާނިސްތާން ކައިރިން 1-0 އިން ބަލިވެފައިވާ އިރު، ޕާކިސްތާނުން މިއަދުގެ މެޗަށް ނުކުތީ ބަންގްލަދޭޝް ކައިރިން ޕޮއިންޓެއް ހޯދައިގެންނެވެ. އެއީ 0-0 އިން މެޗު އެއްވަރުކޮށްގެންނެވެ.
ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0 އިންނެވެ.
ރާއްޖޭން މިއަދު ބަދަލުތަކަކާއެކު ނުކުތް އިރު، ފުރަތަމަ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ފެށި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) މިއަދު ފުރަތަމަ 11 ގައި ހިމެނިފައެއް ނުވެއެވެ. ބަދަލުގައި މިއަދުގެ މެޗު ފެށީ ނާއިޒު ހަސަން (ދާދު) އާއި މުހައްމަދު ފައިސަލެވެ. ފައިސަލް ނުކުތީ ކެޕްޓަން ބޭންޑްގައެވެ.
ބޯ ވާރޭގައި ފުރަތަމަ ހާފު ކުޅެފައިވާ އިރު، ރާއްޖޭން ބޮޑަށް ބެލީ ކައުންޓާ ފުރުސަތުތަކުގައި ނުރައްކާ ކުރެވޭތޯއެވެ. ފުރަތަމަ ކޮޅުގައި އަހުމަދު އައިހަމް (ފަތޯ) އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވި ދިޔަ އިރު، އަހުޒަމް ރަޝީދު (އަހު) އާއި މުހައްމަދު އިލާން އިމްރާނަށްވެސް ރަނގަޅު ބޯޅައެއްގައި އެޓޭކް ކުރެވޭ ގޮތެއް ނުވިއެވެ.
އަނެއްކޮޅުން ޕާކިސްތާނުން ހާފުގެ ފަހުކޮޅުގައި ނުރައްކާ ކުރި އިރު، ޝާޔަކް ދޯސްތު ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އެއީ އޭނާ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެކެވެ. އޭގެ ކުރިން ރާއްޖޭގެ ފަހަތުން ހެދި ގޯހެއްގައި އޭރިއާ ތެރެއިން އެ ބޯޅަ ވައްދާލެވޭތޯ ޕާކިސްތާން ކުޅުންތެރިން މަސައްކަތް ކުރިއެވެ.
ރާއްޖޭން ދެވަނަ ހާފުގައި ނުކުތީ އަހުޒަމްއާއި ދާދުގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) އާއި ނައްސާހު އިބްރާހިމާ އެކުގައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ރާއްޖޭން ނުރައްކާކުރިއެވެ. އެގޮތުން އިބްރާހީމް އައިސަމްއާއި އިލާން ފޮނުވާލި ހަމަލާތައްވެސް މަތަކުރީ ޕާކިސްތާނުގެ ކީޕަރު ޔޫސުފް އިޖާޒް ބަޓެވެ.
ޕާކިސްތާނުން ދެވަނަ ހާފުގައި މެޗުގެ ލީޑު ނެގީ 53 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ރީބައުންސް ބޯޅައެއްގައި، އިނގިރޭސި ކްލަބު ވްރެކްސަމްއަށް ކުޅޭ އުމަރު ނަވާޒް ޖަހައިދިން ގޯލެކެވެ. އޭރިއާތެރެއިން ޕާކިސްތާންގެ ހައްޔާން ކަޓަކް ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް އަތުގައި ޖެހިފައި ކުޅުމަށް ނުކުތުމުން ނަވާޒް ވަނީ އެއްފަހަރުން ނިންމާލައިފައެވެ.
ރާއްޖޭން ގޯލެއް ޖަހަން ކުރި މަސައްކަތުގައި ސެންޓޭގެ ބާރު ހަމަލާއެއް ބަޓް މަތަކުރި އިރު، އެ ބޯޅައިގެ ރީބައުންސަށްވެސް ސެންޓޭ މަސައްކަތް ކުރިއެވެ. އޭނާ އޭރިއާ ތެރެއިން ހުއްޓުވުމުގައި ޑިފެންޑަރު ފައުލް ކުރި ކަމަށް ރާއްޖޭން އެޕީލް ކުރި ނަމަވެސް ރެފްރީ ޕެނަލްޓީއެއް ދީފައެއް ނުވެއެވެ.
ރާއްޖޭން ވަނީ މެޗުގެ 77 ވަނަ މިނިޓްގައި، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)ގެ ބަދަލުގައި އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން ނެރެފައިވާ އިރު، ޕާކިސްތާނުން ދެވަނަ ގޯލް ޖެހީ 84 ވަނަ މިނެޓުގައެވެ. އަބްދުލް ސަމަދު ޝަހުޒާދު ޖެހި އެ ގޯލާއެކު ރާއްޖޭގެ ހިތްވަރު ގެއްލި، ކުޅުން އިތުރަށް ގޯސްވެފައިވާ އިރު، ޕާކިސްތާނުން ނިންމާލީ ތިންވަނަ ގޯލަކާއެކުގައެވެ. އެއީ ހާރޫން ހާމިދު ޖެހި ގޯލެކެވެ.
މިއީ 1991 ވަނަ އަހަރަށްފަހު ރާއްޖޭން ޕާކިސްތާން ކައިރިން ބަލިވި ފުރަތަމަ ފަހަރެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖެއަށް ދެން އޮންނާނީ ބަންގްލަދޭޝްގެ ޒުވާން ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ. މިރޭ މުބާރާތުގައި އޮންނާނީ އަފްގާނިސްތާނާއި ބަންގްލަދޭޝްގެ އެ ޓީމު ވާދަކުރާ މެޗެވެ.
މުޙައްމަދު ޝަމްޢޫން
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ