ސަޕޯޓަރުންގެ ޑިމާންޑްތަކެއް ހުރެދާނެ ނަމަވެސް، މިވަގުތު ދިވެހި ފުޓުބޯޅައަށް ޝައުގުވެރިވާ ސަޕޯޓަރުން ވަރަށް މަދުކަން ޑައިމަންޑް ޖުބިލީ މުބާރާތުން އެނގިގެން ހިނގައްޖެ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތް ރާއްޖެއަށް ނިމުނީ ހިތިކޮށެވެ. ރޭގެ މެޗަށް ރާއްޖޭން ނުކުތީ ފުރަތަމަ ކުޅުނު ދެމެޗުންވެސް ބަލިވެ، މުބާރާތުން ކަޓާފައި އޮވެގެންނެވެ. ފުރަތަމަ ކުޅުނު މެޗުގައި އަފްގާނިސްތާން ކައިރިން 1-0 އިން ރާއްޖެ ބަލިވި އިރު، ދެން ކުޅުނު މެޗުގައި ޕާކިސްތާން ކައިރިން ބަލިވީ 3-0 އިންނެވެ. ރޭ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ އެއްވަރުވީ 1-1 އިންނެވެ.

ތާރީހީ ދަށް ނަތީޖާތަކަކާއެކު މުބާރާތް ރާއްޖެއަށް ނިމުނު އިރު، މެޗަކަށްފަހު މެޗަކަށް ދިޔައީ ދިވެހި ސަޕޯޓަރުންގެ އަދަދުވެސް މަދުވަމުންނެވެ. މުބާރާތުގެ ކުރިން އުރުބާނީ ބުނީ ސަޕޯޓަރުންގެ އިތުބާރަކީ އަލުން ހޯދަން ޖެހޭ އެއްޗެއް ކަމަށެވެ. އެކަން ހާސިލުކުރަން މުބާރާތް މުހިއްމު ކަމަށް ބުނި އިރު، ރޭގެ ބަންގްލަދޭޝް މެޗުގައި ދިވެހި ސަޕޯޓަރުންނަށްވުރެ ބަންގްލަދޭޝް ސަޕޯޓަރުން ގިނަކަން ފާހަގަވިއެވެ. މެޗުގެ ފަހުކޮޅުގައި ހަމަނުޖެހުން ހިނގި ގަޑީގައިވެސް ބަންގްލަދޭޝް ސަޕޯޓަރުން ވަނީ ދަނޑަށް އަރައިގަނެފައެވެ. ދިވެހި ކުޅުންތެރިންނާ ދިމާކޮށްލިތަންވެސް ފެނުނެވެ.

"އަހަރެން މިދިޔަ 4 ވަރަކަށް މަސް ދުވަހު މި ހޭދަކުރީ ދަނޑު ބޭރުންނާއި ދަނޑު ތެރެއިން ހިނގަމުންދާ ކަންކަން ބަލައި އޮބްޒާވް ކުރަން. އޭގެ ތެރެއިން ފާހަގަވި ހާއްސަ އެއްކަމަކީ އަހަރެމެންގެ ފުޓުބޯޅައިގައި މިހާރު ތިބީ މަދު ސަޕޯޓަރުން ކޮޅެއްކަން. ތިބުނާ ސަޕޯޓަރުން އަހަންނަކަށް މިހާރު ނުފެނޭ. ހަގީގަތުގައި ލީގު މެޗުތަކާއި ގައުމީ ޓީމު މެޗުތައް ބަލަންވެސް އާންމުކޮށް މިދިޔައީ ރައްޓެހިންނާއި އާއިލާގެ މީހުން. ދެން އޮތީ އެއީ ކީއްވެ ވާ ކަމެއްތޯ އުފެދޭ ސުވާލު. އަހަންނަށް ހީވަނީ ޝައުގުވެރިކަން ނެތީހެން،" އުރުބާނީ ބުންޏެވެ.

އެވާހަކައަށްފަހު އުރުބާނީ ބުނީ އަލަށް ހަވާލުވި އެކްސްކޯއިން މިހާރު ކުރިއަށް ގެންދާ އަތޮޅު ތެރޭގެ ފުޓުބޯޅަ މުބާރާތްތަކުގެ އެއް މަގުސަދަކީ ސަޕޯޓަރުން އަލުން ހޯދުން ކަމަށެވެ.

ރާއްޖޭގެ ކޯޗު އުރުބާނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"ރީޖަނަލް މުބާރާތްތަކާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި 100 އެތައް މެޗެއް ކުޅެން މި ރާވަނީ. އެއިން ބައެއް މެޗުތަކާއި ބައެއް ޒުވާން އުމުރުފުރާގެ މުބާރާތްތަކަށްވެސް އަހަރެން ދިޔައިން. އެއީ އަދި ހަމަ މުބާރާތްތަކެއް. އެކަމުގައި އަދި މަސައްކަތް ފެށުނީ. އެހެންވީމަ އެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ،" އުރުބާނީ ފާހަގަކުރިއެވެ.

ސަރަހައްދީ ގައުމުތަކުން އެކި ދިމަދިމާލުން މަސައްކަތް ކުރާކަން ކުރިންވެސް ފާހަގަކުރި އުރުބާނީ ބުނީ ފުޓުބޯޅަ އަލުން ގެނައުމަށް ދަނޑުމަތިންނާއި ދަނޑު ބޭރުން ކުރަން ޖެހިފައި އޮތް މަސައްކަތް ބޮޑު ކަމަށެވެ.