ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތުން ހަވާލުވެފައި އޮތީ ޗެލެންޖިން މަސައްކަތަކާކަން ސާފުކޮށް ފެންނަ ކަމަށާއި، ރާއްޖެ ފަށަން ޖެހިފައި އޮތީ މުޅި ނިޒާމު އެއްކޮށް ބަދަލުކޮށްގެން ކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.
މީގެ ކުރިން ރާއްޖެއަށް ދެފަހަރަށް ކޯޗުކަން ކޮށްދީފައިވާ އުރުބާނީ، މިފަހަރު އެނބުރި އައިސް ފުރަތަމަ ނުކުތީ ސާފް 20 އަހަރުން ދަށުގެ މުބާރާތަށެވެ. އެ މުބާރާތުން ކާމިޔާބީއެއް ނުލިބި ނިންމާލަން ޖެހުނު އިރު، ދެން ނުކުތީ މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ މުބާރާތަށެވެ. އެ މުބާރާތުގައި ފުރަތަމަ ކުޅުނު ދެމެޗުން ރާއްޖެ ވަނީ ބަލިވެފައެވެ. އެއީ އަފްގާނިސްތާން އަތުން 1-0 އިން އަދި ޕާކިސްތާން ކައިރިން 3-0 އިންނެވެ. ބާކީ އޮތީ މިރޭ 9 ޖަހާއިރު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ.
އެންމެފަހުން ޕާކިސްތާން ކައިރިން ކުޅުނު މެޗަށްފަހު އުރުބާނީ ބުނީ ރާއްޖޭގެ ޓީމުގައި ތިބި ކުޅުންތެރިންނަށް މެޗުތަކުން ތަޖުރިބާ ބޭނުންވާ ކަމަށާއި، ރާއްޖޭން މިފެންނަ މަންޒަރަކީ މިހާރުގެ "ރިއާލިޓީ" ކަމަށެވެ.
"މިއީ މިހާރުގެ ރިއާލިޓީ. އަހަރެމެންނަށް ކުރީގެ ސާފް ޗެމްޕިއަންޝިޕްތަކާއި ކާމިޔާބީތަކުގެ ވީޑިއޯ ފުޓޭޖާއި ފޮޓޯވެސް ބެލިދާނެ. އެ ކަންކަމަށް ބެލިޔަސް އަހަރެމެންނަށް އަސްލު ހާލަތެއް ނުފެންނާނެ. ކައިރީގައި މިއޮތް ގައުމުތަކުގައި ތިބި ކުޅުންތެރިންނަކީ އެކި ގައުމުތަކުގައި ރަނގަޅު ސިސްޓަމުގެ ތެރެއިން އައިސްފައި ތިބި ކުޅުންތެރިން. އެ ތަފާތު ފެންނަމުން އެދަނީ،" އުރުބާނީ ބުންޏެވެ.
އުރުބާނީ ބުނީ މިއީ ކުރިންވެސް ބުނިހެން ރިބިލްޑިން މަސައްކަތެއް ކަމަށެވެ. މިހާރު މިފެންނަ މަންޒަރު މާކުރިންވެސް އަންދާޒާ ކުރެވުނު ކަމަށް އޭނާ ބުންޏެވެ. އަދި މި މަންޒަރު ބަދަލުކުރުމަކީ ބޮޑު ޗެލެންޖެއް ކަމަށްވެސް އުރުބާނީ ބުންޏެވެ.
"އަހަންނަށް މިއީ ޗެލެންޖިން މަސައްކަތެއް. ފުރަތަމަ ކަމަކަށް މުޅި ފެޑަރޭޝަންގެ އެކި ޑިޕާޓްމަންޓްތައް އަލުން އެކުލަވާލަން ޖެހޭ. މުބާރާތްތައް އޮންނަ އުސޫލާއި ގޮތް އަލުން ބަދަލުކުރަން ޖެހޭ. އެކަން ކުރެވެމުން މިދަނީ. މިއީ ހަފުތާއަކުން މަހަކުން ވާނެ ކަމެއް ނޫން. މިސާލަކަށް ހަށިގަނޑަށް ބަދަލެއް ގެންނަން އެތައް ދުވަހު ކަންކަމަށް ނުބަލައި އުޅެފައި، ޖިމަށް ދާ ދެތިން ދުވަހަކުން ތަފާތެއް ނުފެންނާނެ،" ރާއްޖެ އައުމުގެ ކުރިން އެމެރިކާގެ ފުޓުބޯޅައިގައިވެސް މަސައްކަތް ކުރި އުރުބާނީ ޕްރެސްގައި ބުންޏެވެ.
އުރުބާނީ ބުނީ މުބާރާތުގައި ކުޅޭ އެހެން ޓީމުތަކުން ފެންނަނީ އެތައް ދުވަހެއްގެ މަސައްކަތް ކަމަށާއި، ހާއްސަކޮށް ބަންގްލަދޭޝްއިން ފެންނަ ކުޅުމުން އެކަން ދޭހަވާ ކަމަށެވެ. ސީނިއާ ޓީމު ޔޫރޮޕްގައި ކުޅެން ފޮނުވުމަށްފަހު، ރާއްޖެއަށް ޒުވާން ޓީމެއް ގެނެސްގެން ކުޅުވާ ކުޅުން ކޯޗު ފާހަގަކުރިއެވެ. އޭނާ ބުނީ އެންމެ ގަޔާވާ ކުޅުމެއް ފެންނަނީ ބަންގްލަދޭޝްއިން ކަމަށެވެ.
އުރުބާނީ ފާހަގަކުރީ އަދިވެސް ބަލިވިޔަސް ހެޔޮ ކަމަށްވެސް ބައިނަލްއަގުވާމީ މުބާރާތްތައް ކުޅެން ތައްޔާރަށް ހުރި ކަމަށާއި، ކުރިއެރުން ހޯދޭނީ އެ ބަލިވެސް ވެގެން، ބައިނަލްއަގުވާމީ މުބާރާތްތައް ގިނަކޮށްގެން ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ