ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެއްވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިގޮތަށް ވިދާޅުވެފައި މިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ، އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން އިއްޔެ ފާސް ކުރުމާ ގުޅިގެންނެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަރަށް ގިނަ ހިސާބު ޖައްސަވައިފިން ކަމަށާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއެކު ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.

"އެމްޑީޕީ އާއި އަދާލަތު އަދި އެމްޑީއޭ އާއެކުގައި ރައީސް ސޯލިހް ދެ ވަނަ ދައުރަކަށް ހޮވުމަށް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ، 9 ސެޕްޓެމްބަރު 2023 ގައި ނަގާ ވޯޓުން %51.2 އަށްވުރެ މަތިން ކާމިޔާބު ކުރާނެ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން މިގޮތަށް ވިދާޅުވެފައިވާ އިރު، ޖޭޕީގެ އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް ވަނީ އެމްޑީޕީ އިސްވެ އޮވެ، އަދާލަތު ޕާޓީ އަދި އެމްޑީއޭގެ ކޯލިޝަނާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަހަރުގެ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ދަމަހައްޓައި ރައީސް ސޯލިހަށް ތާއިދުކުރަން އަދާލަތު ޕާޓީން ވަނީ ނިންމައިފައެވެ. އެމްޑީއޭއިން ވެސް ވަނީ އެ ކޯލިޝަނާ ގުޅެން ނިންމައިފައެވެ. ކޯލިޝަންގައި ދެން ހިމެނޭ އެމްއާރްއެމްއިން، ރައީސް ސޯލިހަށް ތާއިދުކުރުމާ ގުޅޭގޮތުން ވަކި ގޮތެއް އަދި ނުނިންމައެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ނިންމާފައިމިވަނީ ރައީސް ސޯލިހާއި އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ގާސިމްއާ ބައްދަލުކުރައްވައި އިންތިހާބާ ބެހޭ ގޮތުން މަޝްވަރާތަކެއްވެސް ކުރައްވާފައި ވަނިކޮށެވެ.