އެމްޑީޕީ އިސްވެ އޮވެ، އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ކޯލިޝަނާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު އެގޮތަށް ވިދާޅުވެފައި މިވަނީ ކުނޫޒްގައި މިއަދު ހަވީރު ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލްގެ އިއްތިފާގުން ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު ކޯލިޝަން ހަދައި، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފާސްކުރުމުންނެވެ.
އެ ނިންމުމާ ގުޅިގެން އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޗީފް އޮފް ސްޓާފެއްގެ މަގާމުގައި ހުންނެވި އަލީ ޒާހިރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ފަސޭހަކަމާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ލީޑާޝިޕުގެ ދަށުން އެމްޑީޕީ އިސްވެއޮވެ އަދާލަތު ޕާޓީ އަދި އެމްޑީއޭ ހިމެނޭ ކޯލިޝަން އެކުގަ މަސައްކަތް ކޮށްގެން 2023 ވަނަ އަހަރުފެ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެކަން ޔަގީން" އަލީ ޒާހިރު ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ދަމަހައްޓައި ރައީސް ސޯލިހަށް ތާއިދުކުރަން އަދާލަތު ޕާޓީން ވަނީ ނިންމައިފައެވެ. އެމްޑީއޭއިން ވެސް ވަނީ އެ ކޯލިޝަނާ ގުޅެން ނިންމައިފައެވެ. ކޯލިޝަންގައި ދެން ހިމެނޭ އެމްއާރްއެމްއިން، ރައީސް ސޯލިހަށް ތާއިދުކުރުމާ ގުޅޭގޮތުން ވަކި ގޮތެއް އަދި ނުނިންމައެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ނިންމާފައިމިވަނީ ރައީސް ސޯލިހާއި އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ގާސިމްއާ ބައްދަލުކުރައްވައި އިންތިހާބާ ބެހޭ ގޮތުން މަޝްވަރާތަކެއްވެސް ކުރައްވާފައި ވަނިކޮށެވެ.
ގާސިމް ވަނީ މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފައެވެ. ނަމަވެސް ދެ ފަހަރުވެސް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް، އެ ދެ ފަހަރު ވެސް އިންތިހާބު ކާމިޔާބުކުރީ ގާސިމްގެ ތާއީދު އޮތް ކެންޑިޑޭޓެވެ. އެއީ 2008 ގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އަދި 2013 ގައި ޕީޕީއެމްގެ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީނެވެ. އަދި 2018 ވަނަ އަހަރު ގާސިމް ވަކިން އިންތިހާބުގައި ވާދަ ކުރައްވާފައިނުވާ އިރު، އެފަހަރު ގާސިމް ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު