މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވާދަކުރައްވާތީ، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރު އެ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.
ސަމީރު ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގެ ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އޭނާ ވަނީ މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ވިދާޅުވެ، ވާހަކަދައްކަވައިފައެވެ.
އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން "ވަން" އިން ސަމީރަށް ގުޅައި މެސެޖުކުރުމުންވެސް ޖަވާބު ދެއްވައިފައެއް ނުވެއެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު "ވަން" އަށް ވިދާޅުވީ މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ޕާޓީން އިސްތިއުފާ ދެއްވާނެކަން އެންގެވި ކަމަށެވެ. ސަމީރުގެ ނިންމުމަށް ޖުމްހޫރީ ޕާޓީން އިހުތިރާމުކުރާ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.
"މާދަމާ ކެމްޕޭން ފެށިޔަސް ބައިވެރިނުވެވޭ ހިސާބަކު ނޫން ހުރީ. އެއީ އަދިވެސް އަޅުގަނޑުމެންގެ ބޭފުޅެއް،" އަލީ ސޯލިހު ވިދާޅުވިއެވެ.
ކުނޫޒްގައި މިއަދު ހަވީރު ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވަނީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު ކޯލިޝަން ހަދައި، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ.
ޖުމްހޫރީ ޕާޓީން މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ފާސްކޮށްފައި ވަނީ އިންތިހާބުގައި ވާދަކުރުމަށް، ކައުންސިލަށް ލަފާ ދިނުމަށެވެ. ރިޔާސީ އިންތިހާބާ މެދު އެ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމާނީ ގައުމީ ޖަލްސާގައި އިންތިހާބު ކުރާ އާ ކައުންސިލުންނެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމާއި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމުގެ ބާރުވެސް ވަނީ އެކައުންސިލުން ގާސިމަށް ދީފައެވެ.
ގާސިމް ވަނީ މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފައެވެ. ނަމަވެސް ދެ ފަހަރުވެސް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް، އެ ދެ ފަހަރު ވެސް އިންތިހާބު ކާމިޔާބުކުރީ ގާސިމްގެ ތާއީދު އޮތް ކެންޑިޑޭޓެވެ. އެއީ 2008 ގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އަދި 2013 ގައި ޕީޕީއެމްގެ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީނެވެ. އަދި 2018 ވަނަ އަހަރު ގާސިމް ވަކިން އިންތިހާބުގައި ވާދަ ކުރައްވާފައިނުވާ އިރު، އެފަހަރު ގާސިމް ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
ގައުމީ މަޖިލީހުން އެގޮތަށް ފާސްކުރި ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފައެވެ.
ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވަމުން ގެންދަވާ އިރު, އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ މަނިކުފާނު ވަނީ ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޕާޓްނަރުންގެ އިތުރުން އެމްޑީއޭއަށް ދައުވަތު ފޮނުއްވައިފައެވެ. ރައީސް ސޯލިހު ފޮނުއްވެވި ދައުވަތު މިހާތަނަށް ގަބޫލުކޮށްފައިވަނީ އަދާލަތާއި އެމްޑީއޭއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު