ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ފޯމު ހުށަހެޅީ ތިން ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

އެހެންވެ، އަންނަ މަހުގެ 15 ގައި ބައި-އިލެކްޝަން ބާއްވަން ނިންމައި އެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު އިއްޔެއާ ހަމައަށް އޮތީ ހުޅުވައިލައިފަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ އެ މުއްދަތު ހަމަވިއިރު ފޯމު ހުށަހަޅާފައިވަނީ އެމްޑީޕީ، ޕީޕީއެމް އަދި ޕީއެންސީގެ ކެންޑިޑޭޓުން ކަމަށެވެ.

"ކެންޑިޑޭޓުންގެ ގުރުއަތު ނެގުން މާދަމާ އޮންނާނެ. އެއަށް ފަހު އަޅުގަނޑުމެން ރަސްމީކޮށް އެކަން އިއުލާނުކުރާނަން" ހަބީބް ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓުގައި ގުރައިދޫ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އިބްރާހިމް ޝާޒެވެ. ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގަތީ ރިޒާގެ ކޮއްކޮ، ހުސެއިން ރިޒާއަށެވެ. ޕީއެންސީގެ ފަރާތުން ބައި-އިލެކްޝަންގައި ވާދަކުރައްވާނީ ކ. ގުރައިދޫ ސްކޫލުގެ ކުރީގެ ލީޑިން ޓީޗަރު، އަލީ އާރިފެވެ.

މިއީ މި ދައުރުގެ މަޖިލީހުގައި ބައި އިލެކްޝަން ބާއްވާ، ދެވަނަ ދާއިރާ އެވެ. މިދިޔަ އަހަރު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ، ކުރިން އެ ދާއިރާގައި މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ. ކޮމަންޑޫ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ރާޝިދު (ރާޑޯ) އެވެ.