ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ދެ މެމްބަރުންކަމަށްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް (ބޮންޑޭ) އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް، ޕީޕީއެމް ގުޅިވަޑައިގަތުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕު ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ދައުވަތު ދެއްވައިފިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށްޓަައި، މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އުފެދުނު ވާދަވެރިކަން ބޮޑުވެ، މަޖިލިސްގެ ބައެއް މެންބަރުން ޕާޓީން ވަކިވާން ނިންމާފައިވާކަން ހާމަ ކުރައްވަން ފައްޓަވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި، ބޮންޑޭ ވިދާޅުވީ ޕްރައިމަރީން ނަޝީދު ބަލިވެވަޑައިގަތުމަކީ އެމްޑީޕީގެ ރަސްމީ ގޮތުގައި އެ ޕާޓީން ނެތުން ކަމަށް މެމްބަރުން ދެކެވަޑައިގަތުން ކަމަށެވެ. އެއަށްފަހު ބޮންޑޭ ވިދާޅުވީ އެމްޑީޕީއާ ވަކިވުމަށްފަހު އޭނާ ހުންނަވާނީ ޕާޓީއާ ދުރުގައި ކަމަށެވެ. އަދި ނަޝީދުގެ "ފިކުރެއްގެ ދިރުން" އެއީ ސޮއިކުރަން ޖެހޭ އެއްޗެއް ނޫން ކަމަށާއި އޭގައި އޮތީ އެމްޑީޕީގެ ސާފު ތިލަފަތް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ އެމްޑީޕީން ނެރޭ ވިޕްލައިންތަކާ ހިލާފުވުމުން އެ ވާހަކަ ދައްކާ ކަމަށާއި ވިޕްލައިނާ ހިލާފުވަނީ ރައްޔިތުންނަށްޓަކައި ކަމަށާއި އެހެންކަމުން ރަނގަޅީ އޭނާ އެމްޑީޕީން ވަކިކޮށްދިނުން ކަމަށެވެ.
އެ ދެ މެމްބަރުންގެ ވާހަކަތަކާ ގުޅިގެން އާދަމް ޝަރީފު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދެ މެމްބަރުންނަކީ ތަޖުރިބާ ހުރި ދެ މެމްބަރުން ކަމަށާއި ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ.
"އަފީފު އާއި ބޮންޑޭއަށް ޕީޕީއެމްއަށް ދައުވަތު އަރުވަން. އަވަހަށް ވަޑައިގަންނަވާ. ދެ އެމްޕީ އަކީވެސް ވަރަށް ތަޖުރިބާކާރު ދެ ބޭފުޅުން. މި ވެރިކަން ބަދަލުކުރުމަށް އެސްޓްއަކަށްވާނެ" އާދަމް ޝަރީފު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ނަޝީދަށް ތާއިދުކުރައްވާ މަޖިލިސް މެމްބަރުން ގެންދަވަނީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު، ރައީސް ސޯލިހަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށްވެސް އެ މެމްބަރުންގެ އިތުރުން ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.