ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޖުމްހޫރީ ޕާޓީއާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ތާއީދު ހޯއްދެވުމަށް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގާސިމާ ބައްދަލުކުރައްވައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި، މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރުކަންވެސް ކުރައްވާ ގާސިމާ ބައްދަލުކުރެއްވުމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން، ސަން އައިލެންޑަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އަދި ދެ ބޭފުޅުން އެކުގައި މިއަދު މެންދުރު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.

އިމްރާން، ގާސިމާ ބައްދަލުކުރެއްވި އިރު، ރައީސްގެ ދައުވަތަކަށް ގާސިމް ވަނީ ރައީސް އޮފީހަށް ވަޑައިގެން އެ މަނިކުފާނާ ބައްދަލުކުރައްވައިފަ އެވެ. އޭގެ ކުރީން ރައީސްގެ މަންދޫބުންގެ ގޮތުގައި ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްވެސް ވަނީ ސަން އައިލެންޑްގައި ގާސިމާ ބައްދަލުކުރައްވައިފަ އެވެ.

އެމްޑީޕީ އާއެކު ކޯލިޝަން ހެއްދެވުމަށް ރައީސް ސޯލިހު ފޮނުއްވެވި ދައުވަތު މިހާތަނަށް ގަބޫލުކުރައްވާފައިވަނީ އަދާލަތާއި އެމްޑީއޭއިންނެވެ. އެ ދައުވަތު ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރުއެމަށްވެސް ރައީސް ފޮނުއްވެވިއެވެ.

ނަމަވެސް އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހުގެ 24 އަދި 25 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕާޓީގެ ކައުންސިލަށް ލަފާދިނުމަށް ވަނީ ފާސްކޮށްފައެވެ. އެކަމާމެދު ގޮތެއް ނިންމުމުގެ ބާރު އޮންނަނީ އެ ޕާޓީގެ ކައުންސިލަށެވެ. ނަމަވެސް އެ ކައުންސިލުން ރިޔާސީ އިންތިހާބާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.