ވެރިކަމުގެ ބޭނުމުގައި އެމްޑީޕީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހަދާނެ ޑީލެއް ނޯންނާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް އެހެން ވިދާޅުވީ، "ނާޒިމް ބުނީ ކީކޭ؟"ގެ ނަމުގައި އެމްއެންޕީން ރޭ ކުރިއަށްގެންދިޔަ ކްލަބްހައުސް އަދި ފޭސްބުކް ލައިވްއެއްގައި އެމްއެންޕީއަކީ ސަރުކާރުގެ ޕާޓްނަރެއް ކަމާއި އެމްޑީޕީ އާއެކު ކޯލިޝަން ހަދާނެ ކަމުގެ އަޑުތަކެއް ފެތުރެމުންދާ ކަމަށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނާޒިމް ވިދާޅުވީ ކޯލިޝަނަކީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ދަންނަ އެއްޗެއް ނޫން ކަމަށާއި އެއީ އެ ޕާޓީންވެސް ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި ދައުލަތުން ފައިސާ ދޭ ޕާޓީތަކަކީ އެ މީހުން އަމިއްލައަށް ނުކުމެ ވެރިކަމަށް ވާދަކުރަންޖެހޭ ބައެއް ކަމަށާއި އެއީ ވަކި ބައެއްގެ ފަހަތަށް ވަންނަންޖެހޭ ބައެއް ނޫން ކަމަށް ވިދާޅުވިއެވެ.
"މިއީ ސަރުކާރުގެ ޕާޓްނަރެއް ނޫން. އަޅުގަނޑުމެން އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހަދާނޭ ޑީލެއް ނޯންނާނެ. އަޅުގަނޑުމެންނަކީ ރައީސް ސޯލިހު ވިދާޅުވެގެން ހެދި ޕާޓީއެއް ނޫން. މިއީ އަމިއްލަ ފެނިގެން، ގައުމަށްޓަކައި ހިދުމަތް ކުރަން އުފެއްދި ޕާޓީއެއް. އަޅުގަނޑުމެންނާ ދިމާލަށް އެހެން ބުނުމުގެ ފުރުސަތެއް ނުވެސް އޮންނާނެ،"
"މިއީ ވަރަށް މިނިވަންކަން އޮތް ޕާޓީއެއް...އަޅުގަނޑުމެން ކޮމްޕްރޮމައިޒެއް ކުރެވޭނެ އެއްވެސް ކަމެއް ނާންނާނެ. ބުނަން ބޭނުން އެއްޗެއް ބުނެވޭނެ. އަތެއްވެސް އަނބުރާ ނުލެވޭނެ. އެއްކަމެއްވެސް ނުކުރެވޭނެ. އަޅުގަނޑުމެން އެމްޑީޕީއާ އެކު ހަދާނޭ ޑީލެއް ނޯންނާނެ،" ނާޒިމް ވިދާޅުވިއެވެ.
އެމްޑީޕީއާއި ރައީސް ސޯލިހާއެކު ހަދާނެ ޑީލެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އިރު، އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ދިން ދައުވަތު މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި އަދާލަތު ޕާޓީން ވަނީ ގަބޫލުކޮށްފަ އެވެ.
އަދި ސަރުކާރާގެ ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ތިބި ޖުމްހޫރީ ޕާޓީ އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށްވެސް ރައީސް ސޯލިހު ވަނީ އެ ދައުވަތު ދީފައެވެ. ނަމަވެސް އެ ދެ ޕާޓީން އެކަމާމެދު އަދި ގޮތެއް ނުނިންމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު