އެމްޑީޕީއާ އެކު ކޯލިޝަން ހަދަން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ނިންމި ނިންމުމަކީ ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމާއި ހަމަޖެހުމަށް ގެނުމަށް ނިންމި މުހިންމު ނިންމުމެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
ޗަމްޕާ ހޮޓެލްގައި މިއަދު ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ވަނީ ފާސްކޮށްފައެވެ.
އެމްޑީއޭގެ އެ ނިންމުމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތު ގަބޫލުކޮށް ވެރިކަމުގެ ދެވަނަ ދައުރެއް އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް އެމްޑީއޭއިން ނިންނި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.
"މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ މި ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މި ހިނގާ ދައުރުގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމިއޮވެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އިއްތިހާދުގެ ސަރުކާރަކުން ކަމަށް ގަބޫލުކުރާތީ ގައުމާއި ރައްޔިތުންގެ ހައްގުގައި ނިންމެވި ނިންމެވުމެއް ކަމަށް މި ޕާޓީއިން ދެކެމެވެ" އެމްޑީޕީން ބުންޏެވެ.
އެމްޑީއޭގެ އެ ނިންމުމަށް ރައީސް ސޯލިހުވެސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ކޯލިޝަނުން މަސައްކަތް ކުރާނީ ރާއްޖޭގެ ހަމަޖެހުމާއި ތަރައްގީ އާއި ކުރިއެރުމަށް ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިއުމަށް ކަމަށެވެ.
"ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުޙަބާ އަދި ޝުކުރު ދަންނަވަން. އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ތަރައްގީ އާި ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް،" ރައީސް ވިދާޅުވިއެވެ.
އެމްޑީއޭއަކީ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމި ދެވަނަ ޕާޓީއެވެ. މީގެ ކުރިން މިދިޔަ ބުދަ ދުވަހު އަދާލަތު ޕާޓީން ވެސް ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމަށް ނިންމައިފައެވެ.
ރައީސް ސޯލިހު ވަނީ ކޯލިޝަން ހެދުމަށް އެމްޑީއޭ އާއި އަދާލަތުގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ވެސް ސިޓީފުޅެއް ފޮނުއްވައިފައެވެ. އޭގެ ތެރެއިން އެމްޑީއޭ ފިޔަވައި، ދެން ހިމެނޭ ޕާޓީތަކަކީ މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކެވެ.
ކޯލިޝަން ހެދުމާ މެދު ޖޭޕީން ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައި ބާއްވާ އެޕާޓީގެ ގައުމީ ކޮންފަރެންސްގައެވެ. އަދި އެމްއާރުއެމުން ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މިވަގުތު ސިންގަޕޫރުގައި ހުންނެވި އެޕާޓީގެ ޒައީމް، ރައީސް މައުމޫން އަބްދުލްޤައްޔޫމް ރާއްޖެ ވަޑައިގަތުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު