މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އިން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމީ ރާއްޖޭގެ ހަމަޖެހުމާއި އިގުތިސޯދު ހަލާކުވެ ދިޔަ ނުދިނުމަށް ކަމަށް އެމްޑީއޭގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޗަމްޕާ ހޮޓެލްގައި މިއަދު ހަވީރު ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ސިޔާމް ވަނީ ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުން އެމްޑީއޭގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ގައުމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދުގެ މައިގަނޑު ސިނާއަތަކީ ފަތުރުވެރިކަން ކަމަށާއި މަސްވެރިކަމުގެ ދާއިރާވެސް ކުރިއަށް ގެންދެވޭނީ ފަތުރުވެރިކަމުގެ ދާއިރާ ހީނަރުވެދާނެ ކަންކަމުން ދުރުވެގެން ކަމަށެވެ. އަދި ވިދާޅުވީ ފަތުރުވެރިކަން ދެމެހެއްޓޭނީ ގައުމުގައި ހަމަޖެހުން އޮވެގެން ކަމަށާއި އެހެންކަމުން އެމްޑީއޭގެ ސިޔާސަތަކީ ގައުމުގެ ހަމަޖެހުން ކުރިއަށް ގެންދެވޭނެ ބަޔަކާއެކު މަސައްކަތް ކުރުން ކަމަށެވެ.
ސިޔާމް ވިދާޅުވީ އެމްޑީޕީން ވަނީ ކޮވިޑް-19ގެ ދަތި ދުވަސްވަރުވެސް ގައުމުގެ ހަމަޖެހުން ދަމަހައްޓާފައި ކަމަށާއި އަދި ކޮވިޑުގެ ސަބަބުން ގައުމުތަކެއް ބަނގުރޫޓުވެގެން ދިޔައިރު ރާއްޖޭގެ އިގުތިސޯދު ދިޔާއީ ކުރިއަރަމުން ކަމަށެވެ. އެހެންކަމުން ކުރިއަށްދާންވަނީ އެ ހަމަޖެހުމާއެކު ކަމަށް ސިޔާމް ވިދާޅުވިއެވެ.
"މި ގައުމުގެ ރައްޔިތުންނާ މުސްތަގުބަލާ އަޅުގަނޑުމެންގެ ދަރީންގެ ދަރިންގެ މުސްތަގުބަލަށްޓަކާ އަޅުގަނޑުމެން ތެރޭ ސަސްޓެއިނިޓީ، ސްޓޭބިލިޓީއެއް ގެނައުމަށް، މި ގައުމުގެ ސްޓޭބިލިޓީއެއް ނެތް ކަމަށްޏާ ގައުމުގެ އިގުތިސޯދު ފުނޑުފުނޑުވާނެ" ސިޔާމް ވިދާޅުވިއެވެ.
އެމްޑީއޭއަކީ އެމްޑީޕީ ދެކޮޅު ޕާޓީއެއްގެ ގޮތުގައި އުފެދުނު ޕާޓީއަކަށްވިޔަސް އެއިރު އެމްޑީޕީގެ މޫނުމަތީގައި ހުރި ބޭފުޅާ މިހާރު ބަދަލުވެފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އަހުލާގު ރަނގަޅު އަދި ދީންވެރި ބޭފުޅެއް ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
މީގެ ކުރިން އެމްޑީޕީގެ ބޭފުޅެއްގެ ފަރާތުން ދީނާ ހިލާފު ވާހަކަތަކެއް ދައްކާފައިވިޔަސް ރައީސް ސޯލިހުގެ ފަރާތްޕުޅުން އެފަދަ ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހު ދީނީ ކަންކަން ނިންމަވަނީ ދީނީ އިލްމުވެރިންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ސިޔާމް ވިދާޅުވިއެވެ.
"މިއަދު އެހުރީ މޫނުމަތި މުޅިން ބަދަލުވެފައި. މިހާރު އެހުރީ ދީނަށް ފުރައްސާރަ ނުކުރާ މީހެއް. އަޅުގަނޑު އެއްސެވިން ރައީސް އަރިހުގައި އިސްލާމް ދީނުގެ ސިޔާސަތު އޮތީ ކިހިނެއްތޯ. ވިދާޅުވީ ތިމަންނަ ހަމަ ދީނީ އިލްމުވެރިން ބުނާ ގޮތަށް ހަމަ އޭގެ ފުރިހަމައަށް ދީފައޭ އޮތީ. މިހާރުވެސް ސަރުކާރުގައި ދީނީ ހުރިހާކަމެއް ނިންމަނީ ދީނީ އިލްމުވެރިންނޭ،" ސިޔާމް ވިދާޅުވިއެވެ.
އެމްޑީޕީގެ ބޭފުޅުންގެ ތެރެއިން އޭނާއާ ވާހަކަ ދައްކަވަނީ ހަމައެކަނި ރައީސް ސޯލިހާ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު