މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ފާޅުކޮށްފައިވާކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ބެހޭގޮތުން ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީ އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ވަނީ މިއަދު އެމްޑީއޭއެކު މަޝްވަރާކޮށްފައެވެ.

ސަން ސިޔާމް ބިލްޑިންގައި މިއަދު ހަވީރު ޕީޕީއެމް/ޕީއެންސީއާއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މައުރޫފް ވިދާޅުވީ، ޖޭޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްވެސް ވަނީ އެމްޑީއޭގެ ލީޑަރު، މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދާ ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ޝައުގުވެރިކަން ޖޭޕީންވެސް ފާޅުކުރާ ވާހަކަވެސް މި ފުރުސަތުގައި ދަންނަވާލަން. އަޅުގަނޑުމެންގެ ރައީސްއާ ޖޭޕީގެ ލީޑަރު ގުޅުއްވައި ވާހަކަވެސް ހަމަ ދަންނަވާލަން،" މައުރޫފް ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް އެއް ބޭފުޅާއަކީ ސިޔާމް ކަމަށާއި ސިޔާމަކީ ވިޔަފާރީގެ ނަފާއިން ރައްޔިތުންނަށް ކަންކަން ކޮށްދެއްވޭ ބޭފުޅަކަށްވުމުން އެބޭފުޅާގެ ވިސްނުމަކީވެސް ރާއްޖެ އަމާންކަމާއެކު ބޭއްވޭނެ ބަޔަކާއެކު ކޯލިޝަން ހެދުން ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އެމްޑީއޭއިން ވަނީ 2013 ވަނަ އަހަރު ޕީޕީއެމްއާއެކު ހެދި ކޯލިޝަން ވަރަށް ކަމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައި ކަމަށެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ވަކި ކޮޅަކަށް ނޭރުމުގެ ސަބަބުން ޕާޓީއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ގައުމީ ކައުންސިލުން ނިންމީ އަޅުގަނޑުމެން 2023 ގައި ކޯލިޝަންއާއެކީގައި ދަތުރުކުރުމުގެ ވިސްނުން،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ ޕީޕީއެމްއާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް ބިނާކުރަނިވި މަޝަވަރާތަކެއް ކުރެވުނު ބައްދަލުވުމެއް ކަމަށާއި ޕީޕީއެމްގެ ލީޑާޝިޕުންނާއި އެމްޑީއޭގެ ފަރާތުން ބައެއް ކަންކަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުންތަކުގެ މައުލޫމާތު ފަހުން މީޑިއާތަކަށް ހިއްސާކުރާނެ ކަމަށް ވިދާޅުވިއެވެ.