މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދަކީ ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ކޯލިޝަން ދަމަހައްޓަވާ ބޭފުޅެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ބެހޭގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ އެމްޑީއޭއާއެކު މަޝްވަރާކޮށްފައެވެ.
ސަން ސިޔާމް ބިލްޑިންގައި މިއަދު ހަވީރު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވިދާޅުވީ ސިޔާމަކީ ވަރަށް ބޮޑަށް ވައުދަށް ވަފާތެރިވާ ބޭފުޅެއް ކަމަށާއި ކޮންމެ ބަޔަކާއެކު އެމްޑީއޭއިން ކޯލިޝަނެއް ހެދިކަމަށްވިޔަސް ފަސް އަހަރަށް އެ ކޯލިޝަން ދަމަހައްޓަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްއާއެކު 2013 ވަނަ އަހަރު ހެދި ކޯލިޝަން އެ ޕާޓީން ދަމަހައްޓާފައިވާނެ ކަމަށެވެ.
"ތި ބޭފުޅުންނަށް ފެންނާނެ 2013 ގެ ކޯލިޝަންގެ ތެރެއިން ބަޔަކު ނުކުމެގެން ދިޔަ، އެހެންނަމަވެސް އަޅުގަނޑުމެން ހަމަ ރައީސް ޔާމީންއާ އެކީގައި ހުރީ ގައުމަށްޓަކައި، ގައުމުގެ އިގުތިސޯދަށް ލިބިދާނެ ގެއްލުމަކަށްޓަކައި، ގައުމުގެ ތަރައްގީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި. ދެން އަޅުގަނޑުމެން ކޯލިޝަނެއް އެމްޑީއޭއިން ހަދައިފިއްޔާ އަޅުގަނޑު ތިބޭފުޅުންނަށް އެ ޔަގީންކަން އަރުވަން، ރައްޔިތުންނަށް އެ ޔަގީންކަން އަރުވަން އެ ދެމިއޮންނާނެ ކަމަށް،" މައުރޫފު ވިދާޅުވިއެވެ.
މައުރޫފު ވިދާޅުވީ ކޯލިޝަނެއް ހަދާފައި ސަރުކާރު ވައްޓާލަން ފުރުސަތު ދިނުން ނުވަތަ ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުން އެކަމުގެ ގެއްލުން ލިބިގެންދަނީ ގައުމާއި ރައްޔިތުންނަށް ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ކޯލިޝަނެއް ހަދާފައި ސަރުކާރުން ވައްޓާލަން ފުރުސަތު ދޭން ޖެހޭނެ ކަމަކަށް. ސަރުކާރު ވެއްޓިގެން ދިއުމަކީ އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް،" މައުރޫފު ވިދާޅުވިއެވެ.
އެމްޑީއޭއިން ވަނީ 2013 ވަނަ އަހަރު ޕީޕީއެމްއާއެކު ހެދި ކޯލިޝަން ވަރަށް ކަމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައި ކަމަށެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ވަކި ކޮޅަކަށް ނޭރުމުގެ ސަބަބުން ޕާޓީއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ގައުމީ ކައުންސިލުން ނިންމީ އަޅުގަނޑުމެން 2023 ގައި ކޯލިޝަންއާއެކީގައި ދަތުރުކުރުމަށް،" މައުރޫފު ވިދާޅުވިއެވެ.
މައުރޫފު ވިދާޅުވީ އެމްޑީއޭ ވަނީ ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ހުޅުވިފައި ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްވެސް އެމްޑީއޭގެ ރައީސް ސިޔާމްއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެމްޑީއޭއިން ކޯލިޝަން ހަދާނީ ގައުމަށް އެންމެ ފައިދާ ހުރި އަދި ސިޔާސީ ހަމަޖެހުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު