އަންނަ ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މޯލްޑިވްސް ޑިމޮކްރެޓިކް އެލައެންސް (އެމްޑީއޭ)އަށް ދައުވަތު ދީފިއެވެ.
އެކަމާ ގުޅިގެން އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު "ވަން" އަށް ވިދާޅުވީ ކޯލިޝަން ހެދުމުގެ ދައުވަތު އެމްޑީއޭއަށް ރޭގެ ވަގުތެއްގައި ފޮނުވާފައިވާ ކަމަށާއި އެ ދައުވަތު ދޭން ނިންމީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.
އެގޮތުން ކޯލިޝަން މަޝްވަރާގެ ފުރަތަމަ ބައްދަލުވުން މިއަދު ހަވީރު 5:00 ގައި ސަން ސިޔާމް ބިލްޑިންގައި ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވާދަ ނުކުރައްވަން ވަނީ ނިންމަވައިފައެވެ. އޭގެ ބަދަލުގައި ސިޔާމް ނިންމަވާފައިވަނީ ކޯލިޝަނަކާއެކު ކުރިއަށް ވަޑައިގަތުމަށެވެ.
އެގޮތުން ކޯލިޝަން މަޝްވަރާއަށް ދައުވަތު ދެއްވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޔާމަށް ފޮނުއްވި ސިޓީފުޅާ މެދު މަޝްވަރާކުރުމަށް އެމްޑީއޭ އިން އެކުލަވައިލި ޓީމާއި ރައީސް ސޯލިހުގެ ޓީމުން މިއަދު މެންދުރު ވަނީ ބައްދަލުކުރައްވައިފައެވެ.
ސަން ސިޔާމް ބިލްޑިންގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ރައީސް ސޯލިހުގެ މަންދޫބުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައިވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
އިދިކޮޅުން ސިޔާމާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދީފައިވާއިރު، ސިޔާމާއެކު ކުރިން ހެދި ކޯލިޝަނުގެ ތަޖުރިބާ ހިތި ކަމަށާއި މީގެ ފަހުން އެއްވެސް އިންތިހާބެއްގައި ކޯލިޝަން ނުހަދާނެ ކަމަށް ރައީސް ޔާމީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު