މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމައި، އެމްޑީޕީއާއެކު ކުރިއަށްދިއުމަށް އަދާލަތު ޕާޓީން ނިންމުމަކީ ގައުމާއި ރައްޔިތުންނަށްޓަކައި އެ ޕާޓީން ނިންމި ހަރުދާނެ ނިންމުމެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރައީސް ސޯލިހަށް ތާއީދުކުރަން ނިންމިކަން އިއުލާންކުރުމަށް އަދާލަތުން މިރޭ ނެރުނު ގަރާރެއްގައި ބުނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ތާއީދުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނާއި އެޕާޓީއާ ދެމެދު އެއްބަސްވެވުނު ކަންކަމާ މެދު މަޝްވަރާ ކުރުމަށް މިއަދު ބައްދަލުވުމެއް ބާއްވާއި އެ މަނިކުފާނަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖެއަށް ގެނެސްދިން ހަމަޖެހުން ދެމިއޮތުމަށާއި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ގެނެވޭނީ އިއްތިހާދުގެ ސަރުކާރަކުން ކަމަށް އަދާލަތު ޕާޓީން ގަބޫލުކުރުމަކީ ހަރުދަނާ ނިންމުމެއް ކަމަށެވެ.

"އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި ނިންމުމަކީ ގައުމާއި ރައްޔިތުންނަށްޓަކައި ހަރުދަނާ ނިންމުމެއް ކަމަށް މި ޕާޓީން ދެކެމެވެ،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ 2018 ގައި އުފެދުނު ރައީސް ސޯލިހުގެ ވެރިކަމުގައި ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގައި އިހުލާސްތެރިކަމާއެކު ސަރުކާރަށް އެއްބާރުލުންދީގެން މިހާތަނަށް ދެމިތިބި ކަމަށްޓަކައި އަދާލަތު ޕާޓީއަށާއި އެ ޕާޓީގެ މެމްބަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަދާލަތުން ޕާޓީން އެމްޑީޕީއަށް ތާއީދު ކުރަން ނިންމުމުން ރައީސް ސޯލިހުވެސް ވަނީ އެ ޕާޓީއަށް ޝުކުރު އަދާކުރައްވައިފައެވެ.

"2023ގެ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިއަށްދިއުމަށް ނިންމި ނިންމުމަށް މަރުހާބާ އާއި ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އަޅުގަނޑުމެން އެންމެން އެކީ ގުޅިގެން ކުރިއަށްދިއުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އަދާލަތު ޕާޓީން އެމްޑީޕީއަށް ތާއިދުކުރަން ނިންމުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަންގެ އެތެރެއިންނާއި ބޭރުން ދިމާވި ދަތިކަމާއެކުވެސް ސަރުކާރާއެކު އަދާލަތު ޕާޓީ ދެމިތިބީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.