މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ގޮތުން އަދާލަތު ޕާޓީން އެމްޑީޕީއާ މަޝްވަރާކޮށްފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެދިވަޑައިގެން އަދާލަތު ޕާޓީ ހިމެނޭހެން މިހާރު ސަރުކާރު ކޯލިޝަންގެ ބައިވެރިން ކަމަށްވާ ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.
އެ ސިޓީފުޅާ ގުޅިގެން އަދާލަތު ޕާޓީން ވަނީ ރޭ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގެ މައުލޫމާތުދިނުމަށް އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މަޝްވަރާ މަޖިލީހުން ނިންމާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހަށް ތާއިދުކުރުމުގެ ކުރިން އެ ޕާޓީއާއެކު މަޝްވަރާކުރުމަށް ކަމަށެވެ.
އަދާލަތު ޕާޓީން މިއަދު ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނިޒާރު "ވަން" އަށް މިއަދު ވިދާޅުވީ އަދާލަތުގެ ޕާޓީގެ ފަރާތުން އެދޭ ކަންކަންކަމާއި ކަންބޮޑުވުންތައް އެ ބައްދަލުވުމުގައި ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަދި އެކަންކަމާ ގުޅިގެން އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.
"އަދާލަތު ޕާޓީގެ ފަރާތުން އެދޭ ކަންކަމާއި އަޅުގަނޑުމެންގެ ކަންބޮޑުވުންތަކާ އަދި ކަންކަން ހައްލުކުރުމަށް ފެންނަ ގޮތްތައްވެސް ހުށަހަޅައި، އެ ކަންކަމާ މެދު މަޝްވަރާ ކުރެވުނު. އަދި ހުރިހާ ކަމަކަށް ސީދާ އެއްބަސްވުމަކަށް ނާދެވޭ،" ނަޒީރު ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން ފާހަގަވެފައިވަނީ ސޯޝަލް މީޑިއާ އަދި އެ ނޫންވެސް ޕޯޑިއަމްތަކުގައި މި ސަރުކާރާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ދާދިފަހުން ރައީސް ސޯލިހުގެ މަންދޫބުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާވެސް ބައްދަލުކުރައްވައިފައެވެ. ރައީސްގެ މަންދޫބުންގެ ގޮތުގައި ގާސިމާ ބައްދަލުކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ.
ސަން އައިލެންޑްގައި ހުރެ "ވަން" އަށް މައުލޫމާތުދެއްވަމުން އަސްލަމް ވިދާޅުވެފައިވަނީ، ގާސިމާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހަށް ތާއީދު ހޯއްދެވުމަށް މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އަދި އެއީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު