މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް އެމްޑީޕީއާއެކު މަޝްވަރާކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެދިވަޑައިގެން އަދާލަތު ޕާޓީ ހިމެނޭހެން މިހާރު ސަރުކާރު ކޯލިޝަންގެ ބައިވެރިން ކަމަށްވާ ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.
އެ ސިޓީފުޅާ ގުޅިގެން އަދާލަތު ޕާޓީން ވަނީ މިރޭ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގެ މައުލޫމާތުދިނުމަށް އެ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މަޝްވަރާ މަޖިލީހުން ނިންމާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހަށް ތާއިދުކުރުމުގެ ކުރިން އެ ޕާޓީއާއެކު މަޝްވަރާކުރުމަށް ކަމަށެވެ.
"މި ހިނގާ ރިޔާސީ ދައުރުގައި ވޭތުވެދިޔަ ދައުރުތަކާ އަޅައިބަލާއިރު ސަރުކާރުގައި ކުރެވުނު ފަހި ތަޖުރިބާއަށް ރިއާޔަތްކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އަދާލަތު ޕާޓީގެ ތާއިދު ދިނުމުގެ ކުރިން އެ ޕާޓީއާއެކު މަޝްވަރާކުރުމަށް ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ބޭއްވުނު ކުއްލި ބައްދަލުވުމަކުން ވަނީ ނިންމައިފައެވެ..،" އަދާލަތުން ބުންޏެވެ.
އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން ފާހަގަވެފައިވަނީ ސޯޝަލް މީޑިއާ އަދި އެ ނޫންވެސް ޕޯޑިއަމްތަކުގައި މި ސަރުކާރާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ދާދިފަހުން ރައީސް ސޯލިހުގެ މަންދޫބުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާވެސް ބައްދަލުކުރައްވައިފައެވެ. ރައީސްގެ މަންދޫބުންގެ ގޮތުގައި ގާސިމާ ބައްދަލުކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ.
ސަން އައިލެންޑްގައި ހުރެ "ވަން" އަށް މައުލޫމާތުދެއްވަމުން އަސްލަމް ވިދާޅުވެފައިވަނީ، ގާސިމާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހަށް ތާއީދު ހޯއްދެވުމަށް މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އަދި އެއީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު