އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ.

ނަޝީދަށް ތާއިދުކުރައްވާ ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިކުރެއްގެ ދިރުން ޓީމުގެ ފަރާތުން ނަޝީދުގެ މަންދޫބުން ގާސިމްއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ނަޝީދުގެ މަންދޫބުންގެ ގޮތުގައި ގާސިމްއާ ބައްދަލުކުރެއްވީ ގދ. އަތޮޅުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝާދު ހުސެއިނާއި މަޑަވެލި ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމެވެ.

ފިރުޝާން "ވަން" އަށް މިރޭ ވިދާޅުވީ، ގާސިމްއާއެކު ބައްދަލުވުމެއް ބާއްވާފައިވަނީ ނަޝީދު އިސްވެ ހުންނަވައިގެން ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ މިހާރުގެ ސިޔާސީ މަޝްރަހާ ބެހޭގޮތުން ކަމަށެވެ.

ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) "ވަން" އަށް މިރޭ ވިދާޅުވީ އެ ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް ހެޔޮވެރިކަމެއް ކޮށްދިނުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމަކީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށެވެ.

ނަޝީދުގެ ފެކްޝަނުން ގާސިމްއާ ބައްދަލުކުރައްވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުންވެސް ގާސިމްއާ ބައްދަލުކުރައްވާފައި ވަނިކޮށެވެ. ސަން އައިލެންޑް ރިސޯޓުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސްގެ މަންދޫބުންގެ ގޮތުގައި ގާސިމާ ބައްދަލުކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ.

ސަން އައިލެންޑްގައި ހުރެ "ވަން" އަށް މައުލޫމާތުދެއްވަމުން އަސްލަމް މިއަދު ވިދާޅުވީ، ގާސިމާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހަށް ތާއީދު ހޯއްދެވުމަށް މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އަދި އެއީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.