އެމްޑީޕީގެ ތެރޭގައި ގޮފިތައް ހެދުމުގެ މަސައްކަތް ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި ރިޔާސީ ޓިކެޓު ކަށަވަރުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް ދެކޮޅު ހައްދަވައިފައެވެ. އަދި "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގެންދަވަނީ ހަރަކާތެއް ހިންގަވަމުންނެވެ. އެ ހަރަކާތައް މިހާތަނަށް ވަނީ 50،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް ނަޝީދުގެ އަރިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
އިބުރޭ "ވަން" އަށް މިއަދު ވިދާޅުވީ "ފިކުރެއްގެ ދިރުން" ނަމުގައި ނަޝީދު އެ ކުރައްވާ މަސައްކަތަށް ހުރަހެއް ނެތް ކަމަށެވެ.
"އެމްޑީޕީގެ ތެރޭގައި ގޮފިތައް ހެދެން ހުންނާނެ ކޮންމެ މީހަކަށްވެސް، އެ ގޮފިތައް ހެދުމުގެ މަސައްކަތް އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދާނަމަ ގޮފި ރަޖިސްޓްރީވެސް ކޮށްދޭނެ" އިބުރޭ ވިދާޅުވިއެވެ.
ނަޝީދުގެ ކުރިއަށް ގެންދާ އެ ހަރަކާތުގެ ތެރެއިން މިހާތަނަށް އަސާސީ ގަވާއިދާ ހިލާފު ކަމެއް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފިކުރެއްގެ ދިރުން" ގޮތްޕަކީ އެމްޑީޕީގެ ތެރެއިން ނަޝީދަށް ތާއިދު އޮތް މިންވަރު ބަލަން ކުރިއަށް ގެންދަވާ ހަރަކާތެއް ކަމަށް ރައީސް ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ނަޝީދުގެ އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު "ވަން" ވިދާޅުވެފައިވަނީ "ފިކުރެއްގެ ދިރުން" ޓީމުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތަކީ ތާއީދު ހޯދުމުގެ މަސައްކަތް ކަމަށާއި ފުރަމުންގެންދަނީ ތާއީދު ފޯމުތަކެއް ކަމަށެވެ. އަދި އެއީ ގޮތްޕެއް ހެދުމަށް ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމަށެވެ.
"ގޮތްޕެއް ހެދުމުގެ ވާހަކައެއް ނުދައްކާ އަދިއެއް. މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ފިކުރަށް، މި ފިކުރަކީ ރަނގަޅު ފިކުރެއް ކަމަށް ގަބޫލުކުރާ ފަރާތްތަކުގެ ތާއީދު ހޯދުމުގެ މަސައްކަތް. އަޅުގަނޑުމެންގެ ތާއީދު ފޯމުތައް ފުރިދާނެ ކޮންމެ ޕާޓީއެއްގެ މީހަކަށްވެސް. ވަކި އެމްޑީޕީ މެންބަރަކަށްވާކަށް ނުޖެހޭ،" ހަސަން ލަތީފް ވިދާޅުވެފައިވެއެވެ.
"ދޮންމަނިކު ސްކައިވިއު"ގައި ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގޮފިތައް އުފައްދަވައި އެ ގޮފިތަކަށް 50،000 މެންބަރުން ހަމަކުރުމަކީ ބޭނުންތެރިކަމެއް ކަމުގައި ވިދާޅުވެފައެވެ.
ހަސަން ލަތީފް އިތުރަށް ވިދާޅުވެފައިވަނީ، "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގޮފިތަކެއް ހެދުމުގެ ވާހަކަތަކެއް އެއިރު ދެއްކެވުނު ކަމަށާއި ނަމަވެސް ގޮފިތަކެއް ހަދައިގެން އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވައި އެމްޑީޕީގެ އަސާސީ ގަވައިދަށް ބަދަލުތަކެއް ގެނައުމަށް އެއްވެސް މަސައްކަތެއް "ފިކުރެއްގެ ދިރުމުގެ" ޓީމުން އަދި ނުކުރާ ކަމަށެވެ.