ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން ހުއްޓުވުމަށާއި، ރިޔާސީ ޕްރައިމަރީގެ އިންތިހާބު އަލުން ބޭއްވުމަށް އަމުރެއް ނެރެދިނުމަށް އެދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އަދި ގޮތެއް ނިންމާފައިނުވާ ކަމަށް އެ މައްސަލައިގެ ވަކީލު، ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ރައީސް ސޯލިހު ވަނީ ނަޝީދުއާ ވާދަކުރައްވައި ކާމިޔާބުކުރައްވައިފައެވެ. އެ އިންތިހާބުގައި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.
ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ހުއްޓުވުމަށާއި ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ނަޝީދުގެ ފެކްޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕޮލިސް ބޯޑުގެ މެމްބަރެއް ކަމަށްވާ ހާމިދު އަބްދުލްޣަފޫރެވެ. އޭނާ ހުށަހެޅުއްވި އެ މައްސަލައިގައި ވަކާލަތު ކުރައްވާނީ ނަޝީދުގެ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރެއްވި ދިޔާނާ ސައީދެވެ.
ދިޔާނާ "ވަން" އަށް މިރޭ ވިދާޅުވީ ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގައި އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
"އަދި އެ މައްސަލައިގައި ގޮތެއް ނުނިންމަވާ،" ދިޔާނާ ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީގެ 39،000 މެމްބަރުން އެ ޕާޓީން ވަކިކޮށްފައިވަނީ އިޖުރާއުތަކާ ހިލާފަށް ކަމަށާއި މެމްބަރަކު ޕާޓީން ވަކިކުރުމަކީ އެ މެމްބަރަކާ ދޭތެރޭ ޕާޓީން އަޅާ ފިޔަވަޅެއް ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ 39،000 މެމްބަރުންނަށް ލިބިގެންވާ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަކަށް ބާއްވާ އިންތިހާބެއް ސައްހަ ނުވާނެ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
އެހެންވެ އެ މައްސަލައިގައި އެދިފައިވަނީ ވަކިކުރި 39،000 މެމްބަރުން ހިމަނައިގެން އަލުން އިންތިހާބެއް ބޭއްވުމުގެ އަމުރަކަށް އެދިފައެވެ. އަދި ވަނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާއާ މެދު ގޮތެއް ނުނިމެނީސް، ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ހަވާލުކޮށްގެން ނުވާނެ ކަމަށް އެދި އަމުރެއް ނެރެދިނުމަށްވެސް އެދިފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) "ވަން" އަށް މިއަދު ވިދާޅުވީ އިންތިހާބުތަކާ ގުޅިގެންނާއި އެނޫންވެސް އެކި ކަންކަމާ ގުޅިގެން ޖެހޭ މައްސަލަތައް އެމްޑީޕީގެ އެތެރެއިން ހައްލު ކުރެވެން ހުންނާނެ ކަމަށެވެ. ރިޔާސީ ޕްރައިމަރީގެ މައްސަލަތަކެއް ކޯޓަށް ހުށަހެޅިކަން އެނގިވަޑައިނުގަންނަވާތީ އެކަމާ ބެހޭގޮތުން އިތުރަށް ވާހަކަދެއްކެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިހާބު އަލުން ބާއްވައިދިނުމަށާއި ރިޔާސީ ޓިކެޓު ހަވާލުކުރުން ހުއްޓުވުމުގެ އަމުރަކަށް އެދިފައިވަނިކޮށް އެމްޑީޕީން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް އަރުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު