އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ހަވާލުކޮށްފިއެވެ.
ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރީ ކާނިވަލްގައި މިރޭ އެކަމަށް ހާއްސަ ކޮށްގެން ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ 24،566 ވޯޓުންނެވެ. އެ މަނިކުފާނާ ވާދަކުރެއްވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ.
ރިޔާސީ ޓިކެޓް ރައީސް ސޯލިހުއަށް ހަވާލު ކުރެއްވުމަށްފަހު އެމްޑީޕީން ރިޔާސީ އިންތިހާބު ކެމްޕޭނުގެ ކަންކަން ރަސްމީ ގޮތެއްގައި ކުރަން ފަށާނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވަނީ ވިދާޅުވެފައިއެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕޭނާއީ އިދާރީ ކަންކަން މި ރެއިން ފެށިގެން ކުރިއަށްދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައިއެވެ.
ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވި ނަމަވެސް، ރައީސް ނަޝީދު ވަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރާވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެވޭނެއެވެ. އަދި އިންތިހާބުން ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނީ އެންމެ 20 ޕަސަންޓް ވޯޓު ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު