ގޯލްޑަން ފުޓްސަލް ޗެލެންޖް

ގއ. މާމެންދޫ އާއި ނިލަންދޫ ވެސް އަތޮޅު ސެމީއަށް

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ގއ. އަތޮޅުގެ، އަތޮޅު ސެމީ ފައިނަލް ޖާގަތައް ޔަގީން ވެއްޖެއެވެ.

މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، ރޭވެސް ވަނީ ޖުމުލަ އަށް މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން ހަތަރު މެޗަކީ ގއ. އަތޮޅުގެ ދެ ގްރޫޕްގެ މެޗުތަކެވެ. ރޭގެ މެޗުތަކަށް ނުކުތް އިރުވެސް ގއ. އަތޮޅު ސެމީން އެ އަތޮޅުގެ ދެއްވަދޫ އާއި ކަނޑުހުޅުދޫން އޮތީ ޖާގަ ހޯދައިފައެވެ. ދެއްވަދޫން ގްރޫޕް އެކެއްގެ އެއްވަނަ ރޭ ޔަގީން ކުރި އިރު، އެ ޓީމުން ރޭ ކުޅުނު މެޗުގައި މާމެންދުއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެއްވަދޫން ރޭގެ މެޗުގައި ޖެހި ގޯލް އައިމަން ތައުފީގް ޖަހައިދިން އިރު، މާމެންދޫގެ ގޯލް ޖެހީ އަހުސަން ހަސަން ދީދީ އެވެ. މި މެޗުން ހޯދި ޕޮއިންޓާއެކު ގްރޫޕް އެކެއްގެ ދެވަނަ ޓީމުގެ ގޮތުގައި މާމެންދޫ އަތޮޅު ސެމީއަށް ދަތުރުކޮށްފައި ވަނީ ތިން މެޗުން 5 ޕޮއިންޓާއެކުގައެވެ. ދެއްވަދޫ ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓާ އެކުގައެވެ.

އެ އަތޮޅުގެ ގްރޫޕް އެކެއްގެ ތިންވަނައިގައި ނިންމާލި ގެމަނަފުށިން ރޭ ކުޅުނު މެޗުގައި ވިލިނގިލި ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ގެމަނަފުށީގެ އަލީ ޝާޒް ހަބީބު ރޭގެ މެޗުގައި ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ދެ ގޯލު ޖެހީ އަހުމަދު ޔޫމާނާއި އިބްރާހީމް ޝަހާފް އާދަމް އެވެ.

ވިލިނގިލީގެ ގޯލުތައް ޖެހީ އައުޝަމް ރަޝާދާއި މުހައްމަދު ރިފާއު ހަސަންއެވެ.

ގއ. ގްރޫޕް ދެއަކުން ނިލަންދޫ އަތޮޅު ސެމީ ޔަގީންކުރީ ރޭ ކުޅުނު މެޗުގައި 2-1 އިން ކޮނޑޭ ބަލިކޮށްގެންނެވެ. މެޗުގައި ނިލަންދޫގެ ގޯލުތައް ޖެހީ މައުޒޫފް އާދަމާއި އަލީ ޝާހިލް މުހައްމަދެވެ. ކޮނޑޭގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު އިންޝާއު އަހުމަދެވެ.

ނިލަންދޫން ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ގއ. އަތޮޅު ގްރޫޕް ދޭއްގެ ދެވަނަ ހޯދި އިރު، ފުރިހަމަ ރެކޯޑަކާއެކު ގްރޫޕްގެ އެއްވަނަ ހޯދީ ކަނޑުހުޅުދޫއެވެ. ރޭ ކަނޑުހުޅުދޫން 4-2 އިން ދާންދޫ ބަލިކުރި އިރު، މެޗުގައި ކަނޑުހުޅުދޫގެ ގޯލުތައް ޖެހީ އަހުނަފް ޒާހިރާއި އިސްމާއީލް އަންވަރު އަދި މުހައްމަދު ހައިޝަމް އަހުމަދެވެ. ހައިޝަމް ދެ ގޯލް ޖެހިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.

މިރޭ ކުރިއަށް އޮތް މެޗުތައް

20:00 ރ. އިންނަމާދޫ - ރ.ދުވާފަރު (ގްރައުންޑް 1)
20:00 ލ. މާބައިދޫ - ލ. މާމެންދޫ (ގްރައުންޑް 2)
21:00 ރ. އިނގުރައިދޫ - ރ. އަލިފުށި (ގްރައުންޑް 1)
21:00 ލ. ކަލައިދޫ - ލ. އިސްދޫ (ގްރައުންޑް 2)
22:00 ހދ. ނޮޅިވަރަންފަރު - ހދ. ހިރިމަރަދޫ (ގްރައުންޑް 1)
22:00 ހދ. ނައިވައިދޫ - ހދ. ނޭކުރެންދޫ (ގްރައުންޑް 2)
23:00 ހދ. ކުމުންދޫ - ހދ. މަކުނުދޫ (ގްރައުންޑް 1)
23:00 ހދ. ވައިކަރަދޫ - ހދ. ފިނޭ (ގްރައުންޑް 2)