މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި ރޭ ލ. އަތޮޅު ބުރުގައި ކުޅުނު މެޗުތަކުން ގަމާއި އިސްދޫ މޮޅުވި އިރު، ގދ. އަތޮޅު މެޗުތަކުން ހޯޑެއްދޫ އާއި ގައްދޫ މޮޅުވެއްޖެއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، ލ. އަތޮޅާއި ގއ. އަތޮޅުގެ މެޗުތައްވެސް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. އެއީ އެ ދެ އަތޮޅުންވެސް ފަސް ޓީމު ބައިވެރިިވެފައިވާތީ އެވެ.
ފުރަތަމަ މެޗުގައި ލ. މާމެންދޫ ބަލިކުރި ގަމުން ރޭ އިސްދޫ ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. ގަމުގެ ގޯލުތައް ޖަހައިދިނީ ހުސެއިން ނާޝިދު (ނާއްޓޯ)އާއި އަބްދުﷲ ޖުނައިދު (ޖޭންނޭ)، ހުސެއިން ޝަރީފް (އޮންލީ)ގެ އިތުރުން ހުސެއިން އަޒުމީާއި ޒައިދާން އަބްދުﷲއެވެ. އޭގެ އިތުރުން ކަލައިދޫގެ މުހައްމަދު އަކުރަމް އަތުން ބައި ކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ. ކަލައިދޫގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު އައްސަދެވެ.
ލ. އަތޮޅު ބުރުގައި އިސްދޫން ކުޅުނު ފުރަތަމަ މެޗުގައި ރޭ ނުކުތީ މާބައިދޫއާ ދެކޮޅަށެވެ. ރޭގެ މެޗަށް ނުކުތްއިރު މާބައިދޫ އޮތީ ކުޅުނު ފުރަތަމަ މެޗުގައި ކަލައިދޫ ބަލިކޮށްފައެވެ. އިސްދޫން އެ ޓީމުގެ ފުރަތަމަ މެޗުގައި ރޭ މާބައިދޫ ކައިރިން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އިސްދޫގެ ގޯލުތައް ރޭ ޖެހީ އަލީ ހުމޭޒާއި ހުސައިން އަފްހާނެވެ. ހުމޭޒް ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
ލ އަތޮޅުގެ ތާވަލުގައި މިވަގުތު ގަން އެއްވަނައިގައި އޮތީ ދެމެޗުން ހަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް އިސްދުއާއި ތިންވަނައިގައި އޮތް މާބައިދޫއަށްވެސް ތިން ޕޮއިންޓް ލިބިފައިވާ އިރު، ކަލައިދޫ އާއި މާމެންދުއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ގދ. އަތޮޅުގައި ރޭ ހޯޑެއްދޫން ވަނީ މަޑަވެލި އަތުން 3-1 އިން މޮޅުވެފައެވެ. އެއީ ހޯޑެއްދޫން އެ އަތޮޅު ބުރުގައި ހޯދި ދެވަނަ މޮޅެވެ. އެޓީމުގެ ފުރަތަމަ މެޗުގައި ތިނަދޫ ބަލިކުރި އިރު، މިވަގުތު ހޯޑެއްދޫ އޮތީ ގދ. އަތޮޅު އެއްވަނައިގައެވެ. އެއީ ދެމެޗުން ހަ ޕޮއިންޓާއެކުގައެވެ.
މަޑަވެލި ކޮޅަށް ހޯޑެއްދޫގެ ގޯލުތައް ޖެހީ ޓީމުގެ ކެޕްޓަން، އާދަމް ލަރީފް (ރޮނާ)އާއި އަހުމަދު ޝާނިއު އަބްދުލް ގަނީ އަދި ސާއިން އަސްލަމެވެ. މަޑަވެލިން ޖެހި ގޯލަކީ ހޯޑެއްދޫގެ ސާއިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ގައްދޫން ފުރަތަމަ މެޗުގައި ބަލުވެފައި އޮތް ނަމަވެސް ރޭ ވަނީ ތިނަދޫ ކައިރިން މޮޅުވެފައެވެ. ރޭ ގައްދޫ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ތިނަދޫ ކޮޅަށް ދެ ގޯލު ޖެހީ އާލިމް އަބްދުލް އަޒީޒެވެ. ތިނަދޫގެ ހަމައެކަނި ގޯލު ޖެހީ ހުސެއިން ރަޝީދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ.
20:00 - ބ. ފެހެންދޫ - ބ. އޭދަފުށި (ގްރައުންޑް 1)
20:00 - އއ. ފެރިދޫ - އއ. މަތިވެރި (ގްރައުންޑް 2)
21:00 - ބ. ކެންދޫ - ބ. ތުޅާދޫ (ގްރައުންޑް 1)
21:00 - އއ. ތޮއްޑޫ - އއ. ބޮޑުފޮޅުދޫ (ގްރައުންޑް 2)
22:00 - ގއ. ގެމަނަފުށި - ގއ. ވިލިނގިލި (ގްރައުންޑް 1)
22:00 - ގއ. މާމެންދޫ - ގއ. ދެއްވާދޫ (ގްރައުންޑް 2)
23:00 - ގއ. ނިލަންދޫ - ގއ. ކޮނޑޭ (ގްރައުންޑް 1)
23:00 - ގއ. ކަނޑުހުޅުދޫ - ގއ. ދާންދޫ (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް