Close
ޕީއެސްޖީ

އެމްބާޕޭ އާއި މެސީ ފިޓްވެއްޖެ، ބަޔާންއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ބޮޑު

އަނިޔާއަށްފަހު ލިއޮނަލް މެސީ އާއި ކިލިއަން އެމްބާޕޭގެ ޕީއެސްޖީގެ ތަމްރީނުތަކަށް ނުކުމެއްޖެއެވެ.

ޕީއެސްޖީން އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި މޮނާކޯ ކައިރިން ބަލިވެފައިވާ އިރު، އެމެޗުގައި މެސީ އާއި އެމްބާޕޭ އަނިޔާގެ ސަބަބުން ކުޅެފައިނުވާ އިރު، މެސީ ކުޅެފައި ނުވަނީ ފަލަމަސްގަނޑުގެ އަނިޔާއެއްގެ ސަބަބުންނެވެ. އެމްބާޕޭއަށް މިމަހުގެ ފުރަތަމަ ދުވަހު ޕީއެސްޖީން މޮންޕެލިއޭއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވެފައިވާ އިރު، ކުރިން ބެލެވިފައި އޮތީ އޭނާއަށް ބަޔާން މިއުނިކާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ނުކުޅެވޭނެ ކަމަށެވެ.

ބަޔާންއާ ދެކޮޅަށް ޕީއެސްޖީން މާދަމާ ރޭ ކުޅޭ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި އެމްބާޕޭ އާއި މެސީވެސް ކުޅޭނެ ކަމަށް ބެލެވިފައި އޮތީ އިއްޔެ ތަމްރީނުތަކާއި މިއަދުގެ ތަމްރީނުތަކަށްވެސް ދެކުޅުންތެރިން ނުކުމެފައިވާތީއެވެ. އޭގެ އިތުރުން އަނިޔާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު މާކޯ ވަރާޓީވެސް ޕީއެސްޖީގެ ތަމްރީނުތަކަށް ވަނީ ނުކުމެފައެވެ. އެ ދެކުޅުންތެރިން ޕީއެސްޖީން މެޗަށް އިއުލާން ކުރި ސްކޮޑުގައި ހިމަނާފައިވެއެވެ.

އެމްބާޕޭ އާއި މެސީ ފިޓްވި ނަމަވެސް މެޗުގެ ފުރަތަމަ 11 އަށް ނުކުމެ ކުޅޭނެ ކަމާމެދު އަދިވެސް އޮތީ ސުވާލުތަކެއް އުފެދިފައެވެ. އެ ދެކުޅުންތެރިންނާ ގުޅޭ ގޮތުން ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ހޮނިހިރު ދުވަހު ބުނީ "އެއްވެސް ކުޅުންތެރިޔަކު އަނިޔާގައި ބަހައްޓައި ރިސްކް ނަގައިގެން ނުކުޅުވާނެ،" ކަމަށެވެ.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން މާދަމާ ރޭގެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުނީ އެމްބާޕޭގެ ފިޓްނަސްއާ ގުޅިގެން ޕީއެސްޖީން ދައްކަމުންދާ ވާހަކައަކީ "މައިންޑް ގޭމް" އެއް ކަމަށާއި އެމްބާޕޭ ފެންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ބަޔާން އާއި ޕީއެސްޖީގެ މެޗު މާދަމާ ރޭ ދަންވަރު 1:00 ގައި އޮންނަ އިރު، އެ މެޗަކީ ޕީއެސްޖީގެ ފުރަތަމަ ޗެމްޕިއަންސް ލީގު ހޯދުމަށް މުހިއްމު މެޗަކަށްވާނެއެވެ. ބޮޑެތި ހަރަދުތަކެއްކޮށް، ޕީއެސްޖީން ކުރަމުންދާ އެންމެ ބުރަ މަސައްކަތަކީވެސް ކްލަބުގެ ތާރީހުގައި ފުރަތަމަ ޗެމްޕިއަންސް ލީގެއް ހޯދުމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ސީޒަނުގައި އެޓީމަށް އެކަން ހާސިލުވުން ގާތެވެ.