ޕީއެސްޖީގެ ވެރިން ކަމަށްވާ، ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓް (ކިއުއެސްއައި) އިން މެންޗެސްޓާ ޔުނައިޓެޑަށް ބިޑް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، އެ ބިޑް އެންމެ ބޮޑަށް ބަރޯސާ ވަނީ ޕީއެސްޖީ ރައީސް ނަސޭރް އަލް-ހެލައިފީގެ ދައުރަށް ކަމަށް ނޫސްތައް ބުނެފިއެވެ.
ގްލޭޒާސް އާއިލާއިން މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން ނިންމާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހަރު ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ކޯ ޗެއާމަނުން ކަމަށްވާ ޖޯލް ގްލޭޒާ އަދި އަވްރަމް ގްލޭޒާ ވިދާޅުވެފައި ވަނީ ކްލަބުގެ ހިންގުމަށް ވިޔަފާރީގެ ބަދަލުތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އާ އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށް، ކްލަބު ވިއްކާލުމަށްވެސް ބަލަމުން އަންނަ ކަމަށެވެ.
ޔުނައިޓެޑް ވިއްކާލުމުގެ މަސައްކަތް ރައިނޭ ގްރޫޕާ ހަވާލުކޮށްފައިވާ އިރު، އެ ގްރޫޕުން ދީފައިވާ "ސޮފްޓް ޑެޑްލައިން" އަކީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މިހާތަށް ފާޅުގައި ޔުނައިޓެޑް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ބިލިއަނަރު ސާ ޖިމް ރެޓްކްލިފްގެ އިނެއޯސް ކުންފުނިންނެވެ. ރެޓްކްލިފް އޭނާގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޖޭޕީ މޯގަން އާއި ގޯލްޑްމަން ސަޗަށެވެ.
ކިއުއެސްއައި އިން ޔުނައިޓެޑްގެ މޭޖާ ހިއްސާއެއް ގަތުމަށް ބޮޑު ބިޑެއް ކުރަން ތައްޔާރުވެފައިވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ގަތަރުގެ އިންވެސްޓްމަންޓަށް ޔުނައިޓެޑްގެ މޭޖާ ހިއްސާއެއް ގަތުމަށް އޮތް ހަމައެކަނި ހުރަހަކީ ޔޫއެފާގެ އުސޫލެވެ. އެއީ ކިއުއެސްއައި އަކީ ފްރާންސްގެ ކްލަބު ޕީއެސްޖީގެ ވެރިންކަމަށްވުމާއެކު، ޔޫއެފާ އުސޫލު ބުނާގޮތުން އެއް އޯނާޝިޕެއްގެ މޭޖާ ހިއްސާ އޮންނަ ދެ ކްލަބަކަށް އެއްފަހަރާ ޗެމްޕިއަންސް ލީގުގައި ވާދައެއް ނުކުރެވޭނެއެވެ.
އެ އުސޫލާއެކު ޔުނައިޓެޑްގެ މައިނާ ހިއްސާއެއް ގަތުމަށް ގަތަރު އިންވެސްޓްމަންޓް ގްރޫޕުން މަސައްކަތް ކޮށްފާނެ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެފައިވާ އިރު، ގިނަ ރިޕޯޓުތައް ބުނެފައި ވަނީ ޕީއެސްޖީގެ ރައީސް ހެލައިފީގެ ދައުރާއެކު ޔޫއެފާގެ އުސޫލު ބަދަލުކުރަންވެސް މަސައްކަތްތަކެއް ކޮށްފާނެއެވެ.
ޔުނައިޓެޑަށް ކިއުއެސްއައިއިން ބިޑެއް ކުރުމަށް ހެލައިފީގެ ދައުރު ބޮޑުވަނީ، އޭނާއަކީ ފުޓުބޯޅައިގެ ސިޔާސީ ތެރޭގައި އެންމެ ނުފޫޒުގަދަ އެއް ފަރާތަށް ވާތީއެވެ. މީގެ ދެއަހަރު ކުރިން ޔޫއެފާގެ ބޮޑެތި ކްލަބުތަކެއް އެއްވެ ވުޖޫދުކުރަން މަސައްކަތްކުރި ޔޫއެފާ ސުޕަ ލީގު ފުނޑާލަންވެސް އެންމެ އިސްރޯލެއް އަދާކުރީ ހެލައިފީ ކަމަށްވީ އިރު، އެއީ ޔޫއެފާއާ އޭނާ ގާތްވި ސަބަބެކެވެ.
ހެލައިފީއަކީ ޔޫއެފާއާ ގާތް ގުޅުމެއް އޮންނަ ޔޫރަޕިއަން ކްލަބްސް އެސޯސިއޭޝަންގެ މިދައުރުގެ ޗެއާމަނެވެ. އެހެންކަމުން ހެލައިފީއަކީ ޔޫއެފާގެ ރައީސް އެލެކްސެންޑާ ސެފެރިންނާ ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.
އެ ހުރިހާ ކަމަށްވެސް ބަލައި ހެލައިފީގެ ހުށަހެޅުން ޔޫއެފާއިން އެކްސްކޯއިން ފާސްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެފަދަ ހުށަހެޅުމެއްގައި އުސޫލު ބަދަލުކުރަންވެސް ޖެހޭނީ އަންނަ ސީޒަނަށެވެ. މި ސީޒަނުގައި ކިއުއެސްއައި އިން ޔުނައިޓެޑް ގަތް ނަމަވެސް، ޕީއެސްޖީއާ އާއި ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގައި އަދި ޔޫރަޕްގެ އެހެން މުބާރާތްތަކުގައިވެސް ކުޅެވޭނެއެވެ. އެއީ ޔުނައިޓެޑް ސީޒަން ފެށީ ގްލޭޒާސްގެ އޯނާޝިޕްކަމުގައި ވާތީއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް