އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީން ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު، މެންޗެސްޓާ ޔުނައިޓެޑުން ފުލަމްއާ އެއްވަރުވެއްޖެއެވެ.

ލިވަޕޫލުން ރަށުން ބޭރުގައި ބޯންމައުތު ކައިރިން 1-0 އިން މޮޅުވި އިރު، ސިޓީން މިރޭ ކުޅުނު މެޗުގައި ގިނަ ގޯލްތަކެއް ފެނިގެން ދިޔައެވެ. އެޓީމުން ސަންޑަލޭންޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ކާމިޔާބުކުރީ 5-3 އިންނެވެ. އަދި ޔުނައިޓެޑުން ފުލަމް ކައިރިން މިރޭ ރަށުން ބޭރުގައި އެއްވަރުވީ 1-1 އިންނެވެ.

ކުރިން އެއްވަނައިގައި އޮތް އާސެނަލުން މިހަފުތާގައި ބްރައިޓަން ކައިރިން ތަފާތު ބޮޑުކޮށް ބަލިވި އިރު، ސިޓީން ވަނީ އެއްވަނައަށް ޖެހިލައިފައެވެ. މިރޭގެ މެޗުން މޮޅުވެސް، ކުޅުނު ފަސް މެޗުން 15 ޕޮއިންޓާއެކު ސިޓީ އެއްވަނައިގައި އޮތީ ފައިދާ އަށް ގޯލާވެސް އެކުގައެވެ. ލިވަޕޫލުން ކުޅުނު ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ހަ ވަނައިގައި އޮތް އިރު، ޔުނައިޓެޑް އޮތީ 12 ވަނައިގައެވެ. އެއީ ފަސް މެޗުން ފަސް ޕޮއިންޓާއެކުގައެވެ.

ލިވަޕޫލުން ކުޅުނު މެޗުގެ ކުރީކޮޅުގައި ޑޮމިނިކް ސޮބޮޝްލާއީ ފޮނުވާލި ހިލޭ ޖެހުން ކުޑަ ތަންކޮޅެއް ބޭރުން ދިޔަ އިރު، އަނެއްކޮޅުން ބޯންމައުތުވެސް ފުރުސަތު ހޯދިއެވެ. އެވަނިލްސަންގެ ހަމަލާ މަތަކުރީ އެލިސަން ބޭކާ އެވެ. ހާފު ނިމެން ދަނިކޮށް ބްރެޑްލީ ބާކޯލާވެސް ގޯލަކާ ގާތަށް ޖެހިލި އިރު، ދެވަނަ ހާފުގައި މެޗުގެ ހަމައެކަނި ގޯލް ޖެހީ އެލެކްސެންޑާ އިސާކެވެ.

އޭގެފަހުން ފްލޯރިއަން ވާޓްސްއާއި ކޯޑީ ގަކްޕޯ ނުރައްކާ ކުރި ނަމަވެސް ގޯލެއް ފެނިގެން ނުދެއެވެ.

ސިޓީ ކުޅުނު މެޗުގައި އެޓީމުން ފުރަތަމަ ލީޑު ނެގީ މި ސީޒަނަށް އެޓީމަށް ބަދަލުވި އެންޒޯ ފެނާންޑޭޒްއެވެ. އެއީ ހިލޭ ޖެހުމެއްގައެވެ. އޭގެ ތިން މިނެޓު ފަހުން ސަންޑަލޭންޑުން މެޗު އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ މެޗުގައި ހެޓްރިކް ހެދި، ސަންޑަލޭންޑްގެ ނެދަލޭންޑްސް ފޯވަޑް ބްރައިން ބްރޮބޭއެވެ.

އެ ގޯލަށްފަހު 29 ވަނަ މިނެޓުގައި އެންޓޮއިން ސެމެންޔޯގެ ޕާހުން ރަޔަން ޗާކީ އަނެއްކަވެސް ސިޓީއަށް ލީޑު ނަގައިދިނެވެ. އެހެން ނަމަވެސް އޭގެ ތިން މިނެޓު ފަހުން އަނެއްކާވެސް ބްރޮބޭގެ ގޯލުން އަނެއްކާވެސް ސަންޑަލޭންޑް އެއްވަރުކުރިއެވެ. ހާފު ނިމުމުގެ ކުރިން ސިޓީން ލީޑު ނެގީ ސެމެންޔޯއެވެ. އަދި ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ސެމެންޔޯ ސިޓީއަށް ނޭވައެއް ލާން ފުރުސަތު ހޯދައިދިނެވެ.

އެހެން ނަމަވެސް އޭގެފަހުންވެސް ބްރޮބޭ އިތުރު ގޯލެއް ޖަހައި ސިޓީއަށް ޕްރެޝަރު ބޮޑުކުރި ނަމަވެސް، މެޗުން ސިޓީއަށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ އާލިން ހާލަންޑް ފަހުކޮޅުގައި ޖެހި ގޯލާއެކުގައެވެ.

ޔުނައިޓެޑް ދަށް ފޯމެއްގައި އޮތް އިރު، އެޓީމުން މިރޭވެސް ސަލާމަތްވީ ކިރިޔާއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ލިސާންޑްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ގޯލެއް ވަން އިރު، ޔުނައިޓެޑަށް ޕޮއިންޓެއް ސަލާމަތް ކުރެވުނީ 89 ވަނަ މިނެޓުގައި މަތެއަސް ކުންޏާ ޖެހި ގޯލުންނެވެ.