އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވަމުން ގެންދެވި ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވަން ނިންމަވައިފިއެވެ.
މުއިއްޒަކީ ނަޝީދުގެ ފަޅީގައި ހުންނަވައިގެން އެ މަނިކުފާނަށް ވަރަށް ބޮޑަށް ކެމްޕޭން ކޮށްދެއްވި މެމްބަރެކެވެ. ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް މުއިއްޒު ކެމްޕޭން ކޮށްދެއްވީ ނަޝީދަށެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މުއިއްޒު ތާއިދުކުރެއްވީ ނަޝީދުގެ ތާއިދާއެކު އެ އިންތިހާބުގައި ވާދަކުރެއްވި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަށެވެ.
ނަޝީދުގެ ފަޅި ދޫކުރައްވައި ރައީސް ސޯލިހަށް ތާއިދުކުރައްވަން ނިންމެވިކަން މުއިއްޒު ހާމަކުރެއްވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
"އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރުމަށް އަޅުގަނޑު ނިންމައިފިން،" މުއިއްޒު ވިދާޅުވިއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ޖަލްސާއަށްވެސް ވަޑައިގެން މެމްބަރުންގެ ތެރޭގައި މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ނަޝީދުގެ ފެކްޝަންގެ ގިނަ މެމްބަރުން ވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރައްވައިފައެވެ.
ނަޝީދަށް ތާއިދުކުރެއްވި މަޖިލީހުގެ ގިނަ މެމްބަރުން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ރައީސް ސޯލިހަށް ތާއިދުކުރައްވައިފައެވެ. އެ މެމްބަރުންގެ ތެރޭގައިގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް ނަސީމް، ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖު ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާގޮތުން ބޮޑު ތަފާތަކުން ރައީސް ސޯލިހު ވަނީ އެ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ. ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ.
އިންތިހާބަށްފަހު ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް އުފަދަން 50،000 މެމްބަރުން ހަމަކުރައްވަން މަސައްކަތް ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު